logo

މާލޭގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިޔަސްވި ޒުވާނާ މަރުވެއްޖެ

profile

ޒިދާން މުޙައްމަދު - 08 ސެޕްޓެމްބަރު 2024 - 11:16

މިދިޔަ ބުދަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހާލު ދެރަވެ، ފަރުވާދެމުން ދިޔަ ޒުވާނާ ނިޔާވެއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ދަރުބާރުގެ ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މިއެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބި ސަރުކާރުގެ މައި ހޮސްޕިޓަލް - އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން ޢަބްދުލް ލަޠީފެވެ.

އޭނާ ނިޔާވީ ތިން ދުވަސް ފަހުން އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި އޮއްވައި ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާއެވެ.

މިހާދިސާގައި ޓެކްސީއެއްގައި ޖެހި ލީވާން ދުއްވި ސައިކަލުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިފަހުން މާލޭ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ މިންވަރުވަނީ އިތުރުވެފައެވެ.

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމު ވަގުތުވެސް ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ. އަދި ހޮނިހިރު ދުވަހުވެސް ހުޅުމާލެ އުތުރު އަވަށުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އޮގަސްޓު މަހާ ހަމައަށް 1،907 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

tel:+9607331319