
މިދިޔަ 2025 ވަނަ އަހަރު ޓްރޭނިން ކޭމްޕަށް ފަލަސްތީނުގެ ޓީމު ރާއްޖެ އައުމުން އެ ޓީމަށް މަރްހަބާ ކިޔަނީ،، ފޮޓޯ: ސޯޝަލް މީޑިއާ
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް ރާއްޖެ އަންނަނީ

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 18:16
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށް މި މަހުގެ 27 ވާ އާދީއްތަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގައި ފަލަސްތީނުގެ ޓީމު ކޭމްޕު ޖެހުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައި ކަމަށެވެ. އަދި މި ތަމްރީނު ކޭމްޕުގެ ތެރެއިން، ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ދެ ޓީމުގެ މެދުގައި ކުޅޭ އެކުވެރިކަމުގެ މެޗުތައް އޮންނާނީ މި ހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގަލޮޅު ރަސްމީ ދަނޑުގައެވެ. މި މެޗުތަކަކީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތަށް ދެ ޓީމުވެސް ފުރިހަމައަށް ތައްޔާރުވުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.
އެފްއޭއެމުން ބުނެފައިވަނީ، ފަލަސްތީނުގެ ޓީމުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކަކީ އުފާވެރި އަދި ކާމިޔާބު ދުވަސްތަކަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މި ތަމްރީނުތަކާއި އެކުވެރިކަމުގެ މެޗުތަކުގެ ސަބަބުން ދެ ގައުމުގެ ޒުވާން ޓީމަށްވެސް ފުޓްބޯޅައިގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މީގެ އިތުރުން، މި ދަތުރުގެ ސަބަބުން ޒަމާނުއްސުރެ ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮންނަ އިސްލާމީ އަޚުވަންތަކަމުގެ ގާތް ގުޅުން ކުޅިވަރުގެ ދާއިރާއިން ވެސް އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައާއި އެކި ދާއިރާތަކުން އަޑުއުފުލައި، އެ ގައުމުގެ ރައްޔިތުންނަށް އެއްބާރުލުން ދެމުން އަންނަ ގައުމެކެވެ. ޚާއްސަކޮށް ފަލަސްތީނުގެ ކުޅިވަރު ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ގައުމާއެކު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ސިޓީ ކައުންސިލުން ބާއްވާ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު!
3 ގަޑިއިރު ކުރިން

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުނުކުރަން އެޗްއާރުސީއެމުން އެދިއްޖެ
3 ގަޑިއިރު ކުރިން

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމީ އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ މަސައްކަތް ފަށަނީ
10 ގަޑިއިރު ކުރިން

މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ގަޑިއިރު ކުރިން


