logo
ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން،، ފޮޓޯ: ސޯޝަލް މީޑިއާ

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން،، ފޮޓޯ: ސޯޝަލް މީޑިއާ

ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން ފޮޓޯ އާއި މައުލޫމާތު އާންމުނުކުރަން އެޗްއާރުސީއެމުން އެދިއްޖެ

profile

އާމިނަތު ޝަޒްލާ - 24 އޮކްޓޯބަރު 2026 - 18:16

ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގި އަނިޔާވެރި ޖިންސީ ގޯނާގެ އަމަލާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ޒާތީ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައްޔާއި ނޫސްތަކުގައި ދައުރުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އެޗްއާރުސީއެމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ޚަބަރާއި މައުލޫމާތު ފެތުރުމުގައި އަނިޔާ ލިބުނު މީހުންނާއި ކުދިން އިތުރަށް އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމު ނުކުރުމަށް އެދޭ ކަމަށެވެ. އަދި މި މައްސަލަ ވީ އެންމެ އަވަހަކަށް ތަޙުޤީޤުކޮށް، މި އަނިޔާވެރި އަމަލު ހިންގި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މި މައްސަލައަކީ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވިގެން، މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލައެކެވެ.

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މައުލޫމާތުގައިވާ ގޮތުން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ފުލުހުން މި މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް ދިވެހި ނުވަ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މާލެއިން ހާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ގޮސް، މިހާރު ދަނީ އެ ރަށުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފުސީލު ހޯދުމަށް "އަސްލު ޓީވީ" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.

https://wamco.com.mv/
tel:+9607331319