
ކައުންސިލް ތަކުގެ މުއައްޒަފުން އެހެން ރަށްރަށުގައި ތިބިގެން މަސައްކަތްކުރެވޭ ގޮތް ހަދައިފި

ރިޟްވާން މޫސާ - 03 ސެޕްޓެމްބަރު 2026 - 14:20
އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތުގައި، އެ އަތޮޅުގެ އެހެން ރަށެއްގައި ހުރެގެން ވެސް ކައުންސިލުގެ ވަޒީފާ އަދާކުރެވޭ ގޮތަށް އުސޫލެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އެކުލަވާލައިފިއެވެ.
ސީއެސްސީން އެ އުސޫލު އާންމުކޮށްފައިވާއިރު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ދާދި ފަހުން ވަނީ، ހުއްދަ ލިޔުމުން ލިބިގެން މެނުވީ ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނެގުމަށް ހުރިހާ ކައުންސިލްތަކަށް އަންގައިފައެވެ.
ސީއެސްސީ ނެރުނު އުސޫލަކީ ކައުންސިލްގެ އިދާރާތަކުގެ ތެރެއިން އެ އިދާރާއިން ދޭން ޖެހޭ އަސާސީ ޚިދުމަތް ދިނުމަށް ބޭނުންވާ އެއްވެސް މުވައްޒަފެއް އެ އިދާރާ ގާއިމުކުރެވިފައިވާ ރަށަކުން ނުލިބޭ ހާލަތުގައި، މުވައްޒަފުން އެ އަތޮޅުގެ އެހެން ރަށްތަކުގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ވަޒީފާ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރާ އުސޫލު ކަމަށް ބުނެފައެވެ.
އުސޫލުގައި ވަނީ، މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލެވޭ މަގާމަކީ "މުވައްޒަފު ނަގަން ބޭނުންވާ ރަށު ކައުންސިލްގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑު"ގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ޚަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަގާމަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލާނީ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
ސީއެސްސީން ވަނީ، ވަޒީފާ ހަމަޖައްސާ މީހަކަށް އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ، ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ބުނެފައެވެ. އަދި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހިނގާނެ ޚަރަދު ހަމަޖައްސާނީ މުވައްޒަފުގެ ވަޒީފާ އޮތް ކައުންސިލްގެ އިދާރާއިންކަން އުސޫލުގައި ފާހަގަކޮށްފައިވެއެވެ.
އެ އުސޫލުގެ ދަށުން ނަގާ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރަނީ "ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑު"ގައިވާ ގޮތުގެ މަތީން ކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލައް ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ގަޑިއިރު ކުރިން

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން

އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް 155،700 ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި
17 ގަޑިއިރު ކުރިން

ކެރެލާއިން 1200 ގަސް ރާއްޖެއަށް ހަދިޔާކޮށްފި
18 ގަޑިއިރު ކުރިން


