
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް 155،700 ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 12:33
އުމްރާގެ މާތް އަޅުކަމަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެ ޚިދުމަތް ފޯރުކޮށްނުދީ ހިޔާނާތްތެރިވި މައްސަލައިގައި، އަސްކޮއި ގްރޫޕުން ގެއްލުން ލިބުނު ފަރާތްތަކަށް އެއް ހަފުތާގެ ތެރޭގައި 155،700 (އެއްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ) ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ރަޝީދާ ދެކޮޅަށް މި ދަޢުވާ އުފުލީ، އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ހަ މީހެއްގެ ފަރާތުންނެވެ. އޭގެ ތެރޭގައި ގދ. ތިނަދޫގެ ދެ އާއިލާއެއްގެ މެންބަރުންނާއި މާލޭގެ އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ހިމެނެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަޢުވާކުރި ފަރާތްތަކުން އެދިފައިވަނީ އުމްރާ ދަތުރަށް ދެއްކި 155،700 ރުފިޔާގެ އިތުރުން، ޝަރީޢަތުގެ ހަރަދުގެ ގޮތުގައި ހިނގި 42،000 ރުފިޔާ ނަގައިދިނުމަށެވެ.
މީގެ ތެރެއިން އުމްރާ ދަތުރަށް ނެގި ފައިސާ ދައްކަންޖެހޭނެ ކަމަށް ކުންފުނީގެ ފަރާތުންނާއި މެނޭޖިން ޑިރެކްޓަރު ޝަރީޢަތުގައި އެއްބަސްވެފައިވާތީ، އެ އެއްބަސްވުމުގެ މަތިން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދަޢުވާކުރި ފަރާތުން އެދުނު ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ނަގައިދެވޭނެ އެއްޗެއްކަން ހުށަހެޅި ލިޔެކިޔުންތަކުން ސާބިތުނުވާތީ، އެ ފައިސާ ނަގައިދެވޭނެ ގާނޫނީ އަސާސެއް ނެތް ކަމަށް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވެއެވެ.
އުމްރާއަށް ގެންދާނެ ކަމަށް ބުނެ ޖުމްލަ 28 މީހެއްގެ އަތުން މަކަރާއި ޙީލަތުން ފައިސާ އަތުލައި، އެމީހުން އަޅުކަމަށް ނުގެންދިޔަ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ މީގެ ކުރިން އަސްކޮއި ގްރޫޕަށް ދޫކޮށްފައިވާ އުމްރާ ޙުއްދަ ބާޠިލުކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ދަތުރުގައި ބައިވެރިވުމަށްޓަކައި ކޮންމެ މީހެއްގެ އަތުން 25،500 ރުފިޔާގެ މަގުން، ޖުމްލަ 714،000 ރުފިޔާ އެ ގްރޫޕަށް ވަނީ ދައްކައިފައެވެ.
މީގެ އިތުރުން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް އަސްކޮއި ގްރޫޕާ ދެކޮޅަށް އާއިލާއަކުން ކުރި ދައުވާއަކާ ގުޅިގެން، 185،000 އަށްވުރެ ގިނަ ރުފިޔާ އެ އާއިލާއަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުވާގައި ހޯދުމަށް އެދިފައިވާ 155،250 ރުފިޔާގެ އިތުރުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ކަނޑައެޅި 30،000 ރުފިޔާއެވެ.
ކުންފުނިތަކުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އެވެ.
މީގެ އިތުރުން، އަސްކޮއި ހައްޖު އުމްރާ ގްރޫޕް ގެ ނަމުގައިވެސް ވަކި ކުންފުންޏެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލައް ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ގަޑިއިރު ކުރިން

ކައުންސިލް ތަކުގެ މުއައްޒަފުން އެހެން ރަށްރަށުގައި ތިބިގެން މަސައްކަތްކުރެވޭ ގޮތް ހަދައިފި
15 ގަޑިއިރު ކުރިން

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން

ކެރެލާއިން 1200 ގަސް ރާއްޖެއަށް ހަދިޔާކޮށްފި
18 ގަޑިއިރު ކުރިން


