.jpg&w=3840&q=75)
"ސޭފް ޒޯން" އޭ ބުނާ އަލް މަވާސީއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް، ޣައްޒާގެ އެކި ހިސާބުތަކުން މިހާތަނަށް 18 މީހުން ޝަހީދުކޮށްލައިފި

ސައިފް އަޒުހަރު - 18 ޖުލައި 2025 - 08:05
ޣައްޒާގެ ދެކުނުގައި "ސޭފް ޒޯން" ގެގޮތުގައި ކަނޑައަޅާފައިވާ އަލް މަވާސީ ސަރަހައްދަށް އިސްތިއުމާރީ ޓެރަރިސްޓުން މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެފެ.
މިއަދުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ، ގެދޮރު ހަލާކުވެ މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށެވެ.
މި ހަމަލާތަކުގައި 5 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެއެވެ.
އަލް މަވާސީއަށް ދިން ހަމަލާތަކާ ގުޅިގެން އެތައް ޓެންޓެއްގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އުތުރުގެ ރަށްތަކަށާއި، މެދުތެރެއާއި އަދި ޣައްޒާގެ ދެކުނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިއަދު އިރު އެރިފަހުން މިހާތަނަށް 18 މީހުން ޝަހީދުކޮށްލާފައި ވެއެވެ. މި ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.
ރެއާއި މިއަދުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނާއި، އެތައް އަންހެނުންވެސް ހިމެނެއެވެ.
ޣައްޒާގެ އުތުރުން، ގާޒާ ސިޓީގެ ތުއްފާހަށް ހަމަލާދީ 3 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ޖަބަލިއާ އައް ނަޒްލާއަށް ދިން ހަމަލާތަކުގައި 5 މީހުން ޝަހީދުކޮށްލާފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އެކި ހިސާބުތަކަށް އެއްގަމާއި ވައިގެމަގުން ދެމުންގެންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 90 މީހުން ޝަހީދުވެފައި ވެއެވެ. އަދި އިތުރު އެތައް ބަޔަކު ޒަޚަމްވިއެވެ.