
ރެއާލް ސޮސިއެޑާޑްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ޕެނަލްޓީގައި އެތްލެޓިކޯ ބަލިކޮށް ސޮސިއެޑާޑުން ކޮޕާ ޑެލަރޭ ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން - 19 އޭޕްރީލު 2026 - 04:19
ކޮޕާ ޑެލަރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ ސޮސިއެޑާޑުން ހަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދި ހަތަރުވަނަ ފަހަރެވެ. އަދި މީގެ ކުރިން ސޮސިއެޑާޑުން ވަނީ 1909، 1987 އަދި 2020 އަހަރުގެ ކޮޕާ ޑެލަރޭ ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލުން އެތްލެޓިކޯ މެޑްރިޑް ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ސޮސިއެޑާޑް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކުރުމަށްފަހު އެވެ.
ސެވިލްގެ އެސްޓަޑިއޯ ލަ ކަަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 14 ވަނަ ސިކުންތުގައި ސޮސިއެޑާޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިއީ، ގޮންޒާލޯ ގުއޭޑޭޝް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް، ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އަންޑަ ބަރަނަޓެކްސިއާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެތްލެޓިކޯ މެޑްރިޑުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަޑެމޯލާ ލުކްމަން އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސޮސިއެޑާޑްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ މިކޭލް އޮޔާޒަބާލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އެޓީމަށް އަލުން ލީޑު ހޯދައިދީފަ އެވެ. މިއީ އެތުލެޓިކޯގެ ކީޕަރު، ޖުއާން މޫސޯ، އޭރިއާތެރެއިން ގުއޭޑޭޝް އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީ އެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ސޮސިއެޑާޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. މިއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅުނު 15 މިނެޓްގެ ދެހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއްނައިސް 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސޮސިއެޑާޑުގެ ފަސް ޕެނަލްޓީގެ ތެރެެއިން އޮރީ އޮސްކާސަން ޖެހި ޕެނަލްޓީ ފިޔަވައި އަނެއް ހަތަރު ޕެނަލްޓީ އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ، ގުއޭޑޭޝްގެ އިތުރުން، ލޫކާ ސުޗިޗް، އައިހެން މުނޯޒް އަދި ޕަބްލޯ މަރިން ޖެހި ޕެނަލްޓީ ތަކެވެ. އެތުލެޓިކޯ އިން ފުރަތަމަ ދެ ޕެނަލްޓީ އަލްވަރޭޒް އާއި އަލެކްސަންޑަ ސޯލޯތު އަތުން ވީ ނާކާމިޔާބެވެ. އޭގެ ފަހުން ޖެހި ތިން ޕެނަލްޓީ، ނިކޯ ގޮންޒާލޭޒް، ތިއާގޯ އަލްމާޑާ އަދި އަލެކްސް ބައޭނާ ކާމިޔާބުކުރިއިރު، އެ ޓީމު ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރަށުން ބޭރުގައި ޗެލްސީ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
ދުވަހެއް ކުރިން

2001 ގެ ފަހުން ފުރަތަމަ ފަހަރަށް ކޮވެންޓްރީ، ޕްރެމިއާ ލީގަށް ޕްރޮމޯޓްވެއްޖެ
2 ދުވަސް ކުރިން

ރެއާލް ކަޓުވާލުމަށްފަހު ބަޔާން މިޔުނިކް ސެމީފައިނަލުން ޖާގަ ހޯދައިފި
4 ދުވަސް ކުރިން

މެޗަކުން ބަލިނުވެ އާސެނަލް ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
4 ދުވަސް ކުރިން


.gif&w=3840&q=75)