
ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި 3 މީހުން---
އޮފީހަކުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި

ޖިނާން ޙުސައިން ޖަބީން - 24 ނޮވެމްބަރު 2026 - 13:13
މާލޭގައި ހިންގަމުންދާ އޮފީހަކުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ބޮޑުބައެއް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައިފިއެވެ.
ފުލުހުން ބުނީ، ވައްކަމުގެ މި މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުގައި ކަމަށެވެ. މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، އެ އޮފީހުން ޖުމްލަ 1,252,505 (އެއް މިލިއަން ދެ ލައްކަ ފަންސާސް ދެހާސް ފަސްސަތޭކަ ފަހެއް) ދިވެހި ރުފިޔާގެ އިތުރުން 11,470 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާކަން ވަނީ ކަށަވަރުކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނުގައި، ސީސީޓީވީ ފުޓޭޖުތައް ދިރާސާކޮށް ކުށުގެ ވެށިން ފެނުނު ހެކިތަކުގެ އަލީގައި ތުހުމަތުކުރެވޭ މީހުން ވަނީ ދެނެގަނެ، ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއް ރަށަކަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ:
- އަހްމަދު ނާޒިމް (31އ)، ފުއްޓަރު / ރ. މަޑުއްވަރި (ހައްޔަރުކުރީ މި މަހުގެ 22 ގައި)
- ހުސައިން ސޮބާހް (42އ)، މުޝްތަރީގެ / ރ. މަޑުއްވަރި (ހައްޔަރުކުރީ މި މަހުގެ 23 ގައި)
- އާއިޝަތު ނަޝާޔާ (32އ)، ސްޓާރލައިން / ރ. މަޑުއްވަރި (ހައްޔަރުކުރީ މި މަހުގެ 23 ގައި)
ފުލުހުން ބުނީ ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1,093,122.25 (އެއް މިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އާއި 8,845 އެމެރިކާ ޑޮލަރު މިހާތަނަށް ހޯދިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ބެލެވޭ އަހްމަދު ނާޒިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން، ހުސައިން ސޮބާހްގެ ބަންދަށް 30 ދުވަސް ދީފައިވާއިރު، އާއިޝަތު ނަޝާޔާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހައިދީފައެވެ.
ފުލުހުން ދަނީ މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހޯދައި، ބާކީ ނުހޯދިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑެލިވަރީ ހިދުމަތްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި
4 ގަޑިއިރު ކުރިން

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި
2 ދުވަސް ކުރިން

މިދިޔަ ހަފުތާގައި އެކަނިވެސް މަކަރާއި ހީލަތުން 600،000 ރުފިޔާ ފޭރިގަނެފައިވޭ!
7 ދުވަސް ކުރިން

ދަރިވަރަކަށް މީސްމީޑިއާގައި ހަނގާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
16 ދުވަސް ކުރިން


