logo
އަލް ނަސްރު އާއި އަލް ފާޓޭއި ވާދަކުރި މެޗުގެ ތެރެއިން..

އަލް ނަސްރު އާއި އަލް ފާޓޭއި ވާދަކުރި މެޗުގެ ތެރެއިން..

ފެލިކްސްގެ ހެޓްރިކާއެކު އަލް ނަސްރުން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި

profile

ހަސަން ޝަމްއޫން - 19 އޮކްޓޯބަރު 2025 - 06:06

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލް ފާޓޭއި އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން ލީގު ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

https://wamco.com.mv/

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އިއްތިހާދު އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް ފާޓޭއި އެންމެ ފަހުން ކުޅުނު މެޗުގައި އަލް ގަދިސިއާ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ފާޓޭއި އެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އަލް ނަސްރުން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އަލް ނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އަލް ފާޓޭއިއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އެގޮތުން މިމެޗުގައި އަލް ނަސްރުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފޯވާޑް ކިންގްސްލީ ކޯމަން މިއިން ކޮންމެ ކުޅުން ތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި އަލް ފާޓޭއިގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ސޮފިއާން ބެންޑެކާއެވެ.

މީގެ އިތުރުން މިމެޗުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯ އަތުން ނާކާމިޔާބުވެފައިވާއިރު، މިމެޗުގައި ކާމިޔާބުކުރި ލަނޑާއެކު ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 949 އަށް އަރާފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އަލް ނަސްރު އޮތްއިރު މިމެޗުން ބަލިވި އަލް ފާޓޭއި އިން ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

https://wamco.com.mv/
https://www.aslu.com.mv