
ކެންޑިޑޭޓުން ވޯޓާރސް ލިސްޓްގައި ސޮއިކުރުން މި މަހު 17 ގައި

މުޙައްމަދު ފަޟްލޫން - 15 މާރިޗު 2026 - 14:43
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އިންތިޚާބުތަކުގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުން ސޮއިކުރުމުގެ ފުރުޞަތު ކުރިއަށް އޮތް އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުގައިވާ ގޮތުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ފިހުރިސްތުގައި ސޮއިކުރުން އޮންނާނީ މި މާރިޗު މަހުގެ 17 ވާ އަންގާރަ ދުވަހުން ފެށިގެން 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މަސައްކަތް ކުރިއަށް ދާނީ އެ ކޮމިޝަނުގެ އިންތިޚާބީ މަރުކަޒުގައެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުލުން ހިމެނެއެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.
ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ހާޒިރުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއި ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންޖެހެއެވެ.
އެ ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. މީގެ އިތުރުން، ސޮއިކުރަން ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކަނޑައެޅިފައިވާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ރޭގަނޑު 09:30 އިން 12:00 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.






.gif&w=3840&q=75)