
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް
ލޯކަލް ކައުންސިލް ޕްރައިމަރީއަށް ޕީއެންސީން ހުޅުވާލަނީ

މުޙައްމަދު ފަޟްލޫން - 30 ނޮވެމްބަރު 2025 - 10:00
ލޯކަލް ކައުންސިލް ޕްރައިމަރީއަށް ޕީއެންސީން ހުޅުވާލަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
ޕީޢެންސީގެ ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ލޯކަލް ކައުންސިލްގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ ޕްރައިމަރީ އަކީ ވާދަވެރި އަދި ބޮޑު ޕްރައިމަރީއަކަށް ވެގެންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
01 ޑިސެމްބަރުން ފެށިގެން ޕީއެންސީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް، އެޕާޓީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކުރަން އެދޭ ފަރާތްތަކުން 15 ޑިސެމްބަރުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެގެންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީގެ ޕްރައިމަރީ އިންތިހާބު ވެގެންދާނީ މިހާރު މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީ އަށް ކަމަށް ފަލާހް ވިދާޅުވިއެވެ.
މިހާރުވެސް ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ރަށްތަކާއި ސިޓީތަކުގައި 01 ޑިސެމްބަރުން ފެށިގެން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ހުޅުވާލާނެ ކަަމަށް ފަލާހް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް ފަލާހް ވިދާޅުވިއެވެ.
އިންތިހާބު ކޮމިޓީގެ ފަރާތުން ޕްރައިމަރީ އިންތިހާބުގެ ކަންކަން ބަލައި އިންތިހާބު ބާއްވާ ގަޑިތައް ކަނޑައަޅައި އެކަން އިއުލާން ކުރާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގައި މާލޭގައި ވޯޓް ފޮށި ބެހެއްޓުމުގެ ބަދަލުގައި އިންތިހާބީ ދާއިރާތައް ނިސްބަތްވާ ރަށްތަކުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރަނީ އިންތިހާބުގެ ސައްހަކަން ކަށަވަރުކޮށް އެތެރޭގެ އިދާރީކަންކަން ވީހާވެސް ފުރިހަމައަށް އިންތިޒާމް ކުރުމަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
ޕީއެންސީގެ ފްރައިމަރީ އަކީ ދެފުށް ފެންނަ ހާމަކަން ބޮޑު ޕްރައިމަރީ އަކަށް ވެގެންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.






