
ފުލުހުންގެ ބެލުމު ގެދަށުގައި ހުރި ވޭޕް ނައްތާލައިފި

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 17:22
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.
ދޫނިދޫގައި ނައްތާލާފައިވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙުގެނެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ޤާނޫނުގައިމވަނީ ބަޔާންކޮށްފައެވެ.






