
މީހުން ޓްރެފިކްކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް އައިއޯއެމްއާއި ފުލުހުންގެ މަޝްވަރާ!

އާމިނަތު ޝަޒްލާ - 24 ސެޕްޓެމްބަރު 2026 - 07:18
މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ އެކި ކުށްތައް ހުއްޓުވުމަށްޓަކައި، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
ދިވެހި ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، އައިއޯއެމް އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯ ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މީހުން ޓްރެފިކްކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ އެކި ވައްތަރުގެ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި މިފަދަ ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށްޓަކައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
މީގެއިތުރުން، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންނީ އަދި ވަސީލަތުގެ އެހީތެރިކަމާ ގުޅޭގޮތުންނާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް މިފަދަ އިތުރު މަޝްވަރާތަކާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއަކީ ބޭރުގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަޒީފާ އަދާކުރަމުންދާ ޤައުމަކަށް ވުމާއެކު، ޤަވާއިދާ ޚިލާފަށް އެތެރެވުމާއި މީހުން ޓްރެފިކްކުރުމުގެ ނުރައްކާ އޮތް ޤައުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ވަކިން ޚާއްޞަކޮށް، ރާއްޖެއަށް މަސައްކަތްކުރަން އަންނަ ބިދޭސީންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި، މަޖުބޫރުން މަސައްކަތް ކުރުވުމާއި އޮޅުވާލައިގެން މީހުން އެތެރެކުރުން ފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން، ރާއްޖޭގެ އެންޓި-ހިއުމަން ޓްރެފިކިންގ ޤާނޫނު ތަންފީޒުކުރުމާއި، މިފަދަ މައްސަލަތައް ތަހުގީގުކޮށް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ފުލުހުންނާއި ތަންފީޒީ އިދާރާތަކުގެ ޤާބިލުކަން އިތުރުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އައިއޯއެމް ފަދަ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަކީ، ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ވަރުގަދަކޮށް، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

އައިޖީއެމްއެޗްގެ ޚާއްޞަ މެޑިކަލް ކޭމްޕެއް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި!
2 ގަޑިއިރު ކުރިން

ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް ކުންފުނިތަކަށް ފުރުޞަތު ދެނީ
3 ގަޑިއިރު ކުރިން

ވިސާއާ ނުލައި ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން


