
ވިސާއާ ނުލައި ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަޒްލާ - 24 ސެޕްޓެމްބަރު 2026 - 06:00
ދުރާލާ ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ބެލަރޫސްއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް މެކްސިމް ރޫޖެންކޯވް އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ދުރާލާ ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި، ފުރައިގެން ދިއުމުގެ އިތުރުން ޓްރާންސިޓް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ދަތުރެއްގައި ވިސާއާ ނުލައި ގިނަވެގެން 30 ދުވަހު މަޑުކުރެވޭއިރު، މީލާދީ އެއް އަހަރު ދުވަހުގެ ތެރޭގައި ވިސާއާ ނުލައި ޖުމްލަ 90 ދުވަހު އެ ޤައުމުގައި ހުރުމުގެ ހުއްދަ ލިބޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ރަސްމީ ބައްދަލުވުމުގައި ވަޒީރު އިރުތިޝާމް ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބެލަރޫސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އައު ދޮރުތަކެއް ހުޅވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އިސް ވަފުދެއް ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތުގައި ބެލަރޫސްގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާއެކު ތާރީޚީ ފުރަތަމަ ރަސްމީ ބައްދަލުވުން ވަނީ ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ތަޢުލީމާއި، ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އިތުރަށް ވަރުގަދަކޮށް، ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މީހުން ޓްރެފިކްކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް އައިއޯއެމްއާއި ފުލުހުންގެ މަޝްވަރާ!
2 ގަޑިއިރު ކުރިން

އައިޖީއެމްއެޗްގެ ޚާއްޞަ މެޑިކަލް ކޭމްޕެއް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި!
2 ގަޑިއިރު ކުރިން

ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް ކުންފުނިތަކަށް ފުރުޞަތު ދެނީ
3 ގަޑިއިރު ކުރިން


