logo
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު،

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު،

ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް ކުންފުނިތަކަށް ފުރުޞަތު ދެނީ

profile

އާމިނަތު ޝަޒްލާ - 24 ސެޕްޓެމްބަރު 2026 - 06:35

ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އެ ދާއިރާއިން އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ވިލުންވެށި" ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ވިޔަފާރި ކުންފުނިތަކަށް އެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު ޢަލީ ޝަރީފު މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލްއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ވިލުންވެށި ޕްރޮގްރާމަށް ލިބެމުންދާ ބޮޑު ތަރުޙީބަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ ޕްރޮގްރާމަށް އިތުރު ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އަންނަ އަހަރު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިހާރު ހަމައެކަނި ވަކިވަކި ފަރުދުންނަށް ޚާއްޞަކޮށްފައިވާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް ވެސް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާރު ހޮވޭ ފަރާތްތަކަށް 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލާނީ އެހީގެ ގޮތުގައި ދޫކުރާ ފައިސާގެ ޢަދަދު މިހާރަށްވުރެ ބޮޑުކުރުމަށްފަހު ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

އީޖާދީ މަޝްރޫޢުތަކަށް ފުރުޞަތު ހުޅުވާލުމުގެ މައިގަނޑު ބޭނުމަކީ، މުޖުތަމަޢުގެ ތެރެއަށް ނުކުމެ ޚިދުމަތް ދިނުމަށްޓަކައި އެހީތެރިކަމަކަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ފަށައިގަންނަ ވިޔަފާރިތަކަށް (ސްޓާޓްއަޕްތަކަށް) މަގުފަހިކޮށްދިނުން ކަމުގައި ވަޒީރު ޢަލީ ޝަރީފު ވިދާޅުވިއެވެ.

"ވިލުންވެށި" ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާއެކު، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމުގައި ސަރުކާރުން ހާމަކުރައްވައެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ އެއް ޤައުމެވެ. މިގޮތުން ކަނޑުގެ ލޮނގަނޑު އުފުލުމާއި، ރަށްގިރުމާއި، އުދައެރުމުގެ އިތުރުން ފެން ލިބުމުގެ ދަތިކަމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށާއި ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާ ކަންކަމެވެ. މީގެއިތުރުން، ރާއްޖެއަކީ ކާބޯތަކެތީގެ ބޮޑުބައެއް އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމުން، ދުނިޔޭގެ މޫސުމީ އަދި އިޤްތިޞާދީ ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ކާނާގެ ރައްކާތެރިކަމަށް ސީދާގޮތުން ފޯރައެވެ.

މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުން އިސްނަގައިގެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ "ވިލުންވެށި" ޕްރޮގްރާމަކީ ރަށްރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމަށާއި، ދަނޑުވެރިކަމުގެ އައު އީޖާދީ އަދި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީތައް ތަޢާރަފުކުރުމަށް އެކުލަވާލެވިފައިވާ ޚާއްޞަ މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ރަށްރަށުގެ ވިލުންތެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކާނާ އުފައްދައި، މޫސުމީ ވިލުންވެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް ރާއްޖޭގައި ޤާއިމުކުރުމެވެ.

https://wamco.com.mv/
tel:+9607331319