
ވައިގެމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 24 ސެޕްޓެމްބަރު 2026 - 06:40
ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، ކިނާރާ، އުމުރުން 57 އަހަރުގެ ޢަބްދުﷲ މުޙައްމަދުކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޢަބްދުﷲ މުޙައްމަދު ހުއްޓުވައި، އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ވަނީ ފެނިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަސްތުވާތަކެތި އެތެރެކުރުމާއި، ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ފުލުހުން ދަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ވަކިން ޚާއްޞަކޮށް، ވައިގެމަގުންނާއި ކަނޑުމަގުން ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، މުޖުތަމަޢު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަކީ ސަރުކާރުންވެސް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

މީހުން ޓްރެފިކްކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް އައިއޯއެމްއާއި ފުލުހުންގެ މަޝްވަރާ!
2 ގަޑިއިރު ކުރިން

އައިޖީއެމްއެޗްގެ ޚާއްޞަ މެޑިކަލް ކޭމްޕެއް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި!
2 ގަޑިއިރު ކުރިން

ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް ކުންފުނިތަކަށް ފުރުޞަތު ދެނީ
3 ގަޑިއިރު ކުރިން

ވިސާއާ ނުލައި ބެލަރޫސްއަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
3 ގަޑިއިރު ކުރިން


