
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 11:18
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގްރޫޕަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތައް އިއްޔެ ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.
މި ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.68 ބިލިއަން ރުފިޔާއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.5 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި، ޝިޕިންގ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.
ތެލުގެ އާމްދަނީ ދަށްވި ކަމުގައިވިޔަސް، ވިކުނު ތެލުގެ އަދަދު ވަނީ 8 އިންސައްތަ އިތުރުވެފައެވެ.
ކުންފުނީގެ އިންޝޫރަންސް، ގޭސް އަދި ޓްރޭޑިންގ ވިޔަފާރިތަކަށް ވަނީ ކުރިއެރުން ލިބިފައެވެ.
މާލީ ރިޕޯޓުގައިވާ ގޮތުން، ހިންގުމުގެ ޚަރަދު ނިސްބަތުން ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.18 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، ފައިނޭންސް ކުރުމުގެ ހަރަދު 16 އިންސައްތަ ދަށްވުމުގެ ސަބަބުން، ޓެކްސް އަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތަށް ދައްކަންޖެހޭ ޓެކްސް ކެނޑުމަށްފަހު، އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 785 މިލިއަން ރުފިޔާއަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެގެން ދިއުމުގެ ހެޔޮ ފާލެއް ކަމަށް އެކުންފުނިން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

މަސައްކަތްތެރިން ބިނާކުރަން އެދެވޭ މަސައްކަތެއް ކުރެވޭބާ؟
2 ގަޑިއިރު ކުރިން

ނަފްސަކީ އަމާނާތެއް، އަމާނާތަށް ގެއްލުން ދިނުމަކީ ހަރާމްވެގެންވޭ: ހުކުރު ހުތުބާ
2 ގަޑިއިރު ކުރިން

އަލަށް ގާއިމްކުރެވޭ 39 ހޮސްޕިޓަލްގެ މަސައްކަތް ދަނީ ކުރެވެމުން: ހެލްތު މިނިސްޓަރ ގީލާ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)