logo

ފިނޭންސް މިނިސްޓަރ ޒަރީރަށް މަޖިލީހުން ރުހުންދީފި

profile

މުޙައްމަދު ފަޟްލޫން - 24 ޖޫން 2026 - 11:47

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް ހަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

https://wamco.com.mv/

މީގެ ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު، ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޒަރީރު އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ.

ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ސަރުކާރުން ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.

މި މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، ވަޒީރުންގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ހުރިހާ ޝަރުތުތަކެއް ޒަރީރުގެ ކިބައިގައި ފުރިހަމަވާ ކަމަށެވެ. އެހެންކަމުން، ކޮމިޓީގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދިނުމަށް ނިންމާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، ހާޒިރުވެވަޑައިގެން ތިއްބެވި 49 މެންބަރުންގެ އިއްތިފާގުން ވަނީ ޒަރީރަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ. ނަމަވެސް، މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މި މައްސަލައިގެ ބަހުސް ކުރިއަށްދިޔަ ވަގުތު މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ތަޅުމުން ނެރުނުއިރު، އެ ޕާޓީގެ އިތުރު މެންބަރުން ވަނީ އަމިއްލައަށް ތަޅުމުން ނިކުމެވަޑައިގެންފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk