logo

ހަގީގަތުގައި ވެސް އިއްވެވީ ދިވެހިންގެ އަޑެވެ.

profile

މަރްޔަމް އުމްނާ އިސްމާޢީލް - 28 ސެޕްޓެމްބަރު 2024 - 17:45

އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދު އެމެރިކާގެ ނިއުޔޯކަށް ކުރި ދަތުރު މިވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދގެ އާއްމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތަގުރީރުތައް ވެގެން ދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން ދަމައިގަތް ތަގުރީރު ތަކަކަށެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. އދގެ އެންމެ މަތީ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލްގައި ވެސް ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް މިފަހަރު ތަގުރީރު ކުރެއްވިއެވެ. ކުދި ގައުމުތަކުގެ ހައްގުތަކާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި ސާބިތުކަމާ އެކު މި ކުޑަ ކުޑަ ރާއްޖެ އޮތްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވިއެވެ.

އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިއުޔޯކަށް ވަޑައިގެންނެވި ދުވަސް އިއްތިފާގުން ދިމާވީ ރާއްޖެއަށް އދގެ މެމްބަރުކަން ލިބުނުތާ 59 އަހަރު ފުރުމުގެ މުނާސަބ ފާހަގަކުރާ ދުވަހަށެވެ. ނިއުޔޯކަށް ވަޑައިގެން އެ ދުވަހު ރައީސް ދިވެހި ރައްޔިތުންނަށް ދެއްވި ފުރަތަމަ މެސެޖުގައި ވިދާޅުވީ އދގައި އެމަނިކުފާނު އިއްވަވައިދެއްވާނީ "ދިވެހިންގެ އަޑު" ކަމަށެވެ.

" މިއީ އަޅުގަނޑު އ.ދއަށް ޒިޔާރަތްކޮށް، އެންމެ އިސްކަންދޭނެ ކަމަކީ. ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަސައްވުރު ހާމަކުރުން. ދިވެހީންގެ އަޑު، ދިވެހީންގެ ވިންދުގެ އަޑު، ދިވެހީންގެ އިހުސާސްތައް އިއްވުން" ރައީސް

އެދުވަހުވެސް ރައީސް ތަކުރާރުކޮށް ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އަދި ހިންގުމުގައި އެންމެ އިސްކަންދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔާތް ކުރުމަށް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ބާރުތައް އެއްތަނަކަށް ޖަމާވާ މި މައިދާނަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ބަހުސްކޮށް އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ މައިދާނެވެ. މި މައިދާނުގައި ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ގެންގުޅޭ ތަސައްވުރާއި، އެކަންކަމަށް ވާސިލުވުމަށް ހުރި ގޮންޖެހުންތައް އެ ޖަމިއްޔާގެ ސަމާލުކަމަށް ރައީސް ގެންނެވިއެވެ. ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ވެސް ވަކާލާތު ކުރެއްވިއެވެ. އެކަމަކު ދިވެހިންގެ ހިތްތަކުގައި ބޮޑު ލޯތްބެއް އޮންނަ ފަލަސްތީނުގެ ވާހަކަ ނުދައްކަވައި، ދިވެހިންގެ އަޑު އެންމެ ފުރިހަމައަށް އިއްވުނު ކަމަކަށް ހަމަ ޔަގީނުންވެސް ނުވާނެއެވެ.

ރައީސް ޑރ. މުއިއްޒު އާންމު މަޖިލީހުގެ 79 ވަނަ ސެޝަނަށް ވަޑައިގެންނެވީ ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަހުންގެ ވާހަކަ ހަނދުމަފުޅުގައި ބަހައްޓަވައިގެންނެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު އެ ތަގުރީރުގައި އެމަނިކުފާނު މުޅި އދއަށް ގޮވާލެއްވީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުގެ ހިތްވަރު ހޯދުމަށެވެ. ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށާއި، އިންސާނީ ހައްގުތަކަށް އަރައިގަންނަ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ.

މިހާ ހިސާބުން ވެސް ނިންމާލެވޭކަށް ނެތެވެ. އދގެ ސެކިއުރިޓީ ކައުންސިލްގައި ރާއްޖޭގެ ރައީސަކު ދެއްވި ފުރަތަމަ ތަގުރީރުގައި ރައީސް ޑރ. މުއިއްޒު ދެއްވީ އދއަށް ދިވެހި ރައްޔިތުން ދޭން ބޭނުންވާ އެންމެ ބޮޑު މެސެޖެވެ. އެއީ ފަލަސްތީނާއި މުޅި އިސްލާމީ އުންމަތުގެ ހިމާޔަތުގައި އެ ޖަމިއްޔާއިން މިހާރަށް ވުރެ އެކްޓިވް ވާންޖެހޭ ކަމެވެ. އެކަން ފާހަގަކުރައްވާ މި ކުޑަ ކުޑަ ރާއްޖޭގެ ރައީސް ވަނީ އިސްރާއީލުން ހިންގަމުންދާ ގަތުލު އާއްމާ ދެކޮޅަށް އދއިން ނިންމާ ކޮންމެ ނިންމުމެއް ބާތިލުކުރާ ވީޓޯގެ ބާރު އުވާލުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ގޮވާލައްވާފައެވެ.

ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ސާބިތުވެކަން ދިވެހި ސަރުކާރުން އދއަށް ދައްކުވައިދިނީ އާއްމު މަޖިލީހުގެ ތަޅުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނުމުން ރާއްޖޭގެ ވަފުދު އެތަން ދޫކޮށް ދިޔަ ދިޔުމުންނެވެ.

ރާއްޖޭގެ ވަފުދު އެ ހޯލުން ނުކުތީ ފަލަސްތީނާ މެދު ރައީސް ގެންގުޅުއްވާ ހާއްސަ ކަމާއި، ފަލަސްތީނުގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ހާއްސަ މަސައްކަތްޕުޅަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖޭގެ އިތުރުން އެވަގުތު ‏އަރަބި އިސްލާމީ ގައުމުތަކާއި، ފަލަސްތީނަށް ތާއީދުކުރާ އެތައް ގައުމެއްގެ ވަފުދުތައް ތަޅުން ދޫކޮށް ދިޔައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ވަފުދަށް މަދު ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް، ރައީސްގެ އެ ބަސްފުޅުތައް ބަލައިގަންނަ އެތައް ބަޔަކުވެސް އެބަތިއްބެވެ. "ރާއްޖެ އުޅެންވާނީ ރާއްޖޭގެ ވަރުން" ކަމަށް ބުނެ އދގައި އެފަދަ ވާހަކައެއް ދެއްކުމުގެ ހައިސިއްޔަތެއް މި ގައުމުގައި ނެތްކަމަށް ބަޔަކު ދުށް ނަމަވެސް، ރާއްޖެއިން ވެސް ދައްކަން ޖެހޭ ވާހަކަ ދައްކާނެކަން މިއަދު މާ ރަނގަޅަށް ވެސް ހާމަވެއްޖެއެވެ.

ރައީސް މުޅި ދުނިޔެއަށް ވެސް އެ ސާބިތުކޮށްދެއްވީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގައި ގައުމެއްގެ ސައިޒަށް ބަލަން ނުޖެހޭ ކަމެވެ. މި ކުޑަ ކުޑަ ރާއްޖެ ވެސް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަން އެ ގެންދަވަނީ ހާމަކޮށްދެއްވަމުންނެވެ.

https://int.etukuri.mv/
tel:+9607331319