logo

ޝަމްނާޒަށް ސިހުރުގެ ތުހުމަތުކޮށް ރައީސް މައްސަލައެއް ހުށަހަޅާފައި ނުވޭ: ސަރުކާރު

profile

ޝުރުފާ މުހަންމަދު - 01 ޖުލައި 2024 - 18:50

ޝަމްނާޒް އަލީ ސަލީމް--- ފޮޓޯ: ރައީސް އޮފީސް

ޝަމްނާޒް އަލީ ސަލީމް--- ފޮޓޯ: ރައީސް އޮފީސް

އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަމުގެ މަގާމުގައި ހުންނަވައިގެން، ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާ ގުޅުން ހުރި އެއްވެސް މައްސަލައެއް، ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އާއިލާއިން ވެސް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާ ސަލީމް އަދި އުމުރުން 58 އަހަރުގެ ފިރިހެނެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގައި އެ ތިން މީހުން ހައްޔަރު ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ތިން މީހުންގެ ބަންދަށް ވެސް އޭރު ދީފައި ވަނީ 7 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވެ، މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން ޝަމްނާޒާއި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު 7 ދުވަސް ދިން ނަމަވެސް، ފިރިހެން މީހާ ވަނީ ޝަރުތުތަކަކާއި އެކު ދޫކޮށްލާފަ އެވެ.

މި މައްސަލާގައި ޝަމްނާޒްގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މައްސަލައެއްގައި ކަން ފުލުހުން ސާފުކޮށްފައި ނުވި ނަމަވެސް، އެނގިފައިވާގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާ އަށް ސިހުރު ހެދި ކަމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެފަދަ ތުހުމަތެއްކޮށް، އެމަނިކުފާނާއި އާއިލާގެ ފަރާތުން ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި އެހެން ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ހީނާ ވިދާޅުވެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ޝަމްނާޒް އޭނާ ހުރި މަގާމުން ވަނީ ވަކިކޮށްފައެވެ.

ޝަމްނާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި އިރު ކައުންސިލް މެމްބަރެކެވެ. ފަހުން ވެރިކަން ބަދަލުވުމާއި އެކު އެ މަގާމުން އޭނާ އިސްތިއުފާދެއްވި އިރު، އޭނާ އައްޔަންކުރީ މުލިއާގޭގެ މަގާމަކަށެވެ. އެ މަގާމުން ވަކިކޮށް އެންވާރަމަންޓް މިނިސްޓްރީ އަށް އޭނާ ބަދަލުކުރީ މިދިޔަ ރަމަޟާން މަހު އެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން. އެނގިފައިވާގޮތުގައި އެ ދެބޭފުޅުން ވަރިވީ މި މަސް ތެރޭގަ އެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރަމީޒް ވެސް މިހާރު ހުންނެވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނެއްގަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި ޝަމްނާޒާއި އެކު ރަމީޒް ހައްޔަރުކުރި ކަމެއް، އަދި އެ މައްސަލައާ ގުޅުމެއް ހުރި ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

tel:+9607331319