logo

އެމްޑީޕީން މޯލްޑިވިއަން އަށް 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ހުކުމްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2025 - 10:17

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ - އެމްޑީޕީން، ގައުމީ އެއަރލައިން މޯލްޑިވިއަންއަށް ދޭންޖެހޭ 3.6 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

ސިވިލް ކޯޓުން އެމްޑީޕީގެ މައްޗަށް މޯލްޑިވިއަން އަށް ދޭންޖެހޭ ފައިސާ ދައްކާ ހަލާސްކުރަން އަންގާ ކުރި ހުކުމުގައި ބުނެފައިވަނީ އެ ފައިސާ އެ ޕާޓީން 1 މަސްދުވަސްތެރޭ ދައްކާ ހަލާސްކުރުމަށެވެ.

ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް ބަހާލައިގެން އެކި ފަހަރުމަތިން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އެޕާޓީން އިހުމާލުވުމާ ގުޅިގެންނެވެ.

މޯލްޑިވިއަނުން އެމްޑީޕީއަށް ފްލައިޓް ޗާޓަރުކުރުމާއި ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ބަހާލައިގެން ދެއްކުމަށް ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން 2024 ވަނަ އަހަރު ވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ ޖުމްލަ 6 ފަހަރެއްގެ މަތިން ފައިސާ ދައްކާގޮތަށެވެ.

އެއްބަސްވުމުގައިވާގޮތުން ފުރަތަމަ ޕޭމަންޓަށްވާ 1 މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ދައްކަންޖެހެއެވެ. ދެވަނަ ޕޭމަންޓް ދައްކަންޖެހޭ 1 މިލިއަން ރުފިޔާ ދައްކަން އޮތީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. އަދި ތިންވަނަ ޕޭމަންޓަށްވާ 1 މިލިއަން ރުފިޔާ ދައްކަންޖެހެނީ މިހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ.

އެއްބަސްވުމުގައިވާގޮތުން 2027 އަހަރުގެ ކުރިން ކޮންމެ ހަމަހަކުން މޯލްޑިވިއަނަށް ފައިސާ ދައްކައި ނިންމަން ޖެހެއެވެ.

މޯލްޑިވިއަނުން އެންމެފަހުން ވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެމްޑީޕީން ފައިސާ ދައްކަމުން ނުދާތީވެ އެމައްސަލަ މިއަހަރުގެ މާރޗްމަހު ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ކޯޓުން ކުރި ހުކުމްގައިވާގޮތުން އެމްޑީޕީން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ދައްކާފައިވަނީ 2 މިލިއަން ރުފިޔާއެވެ.

ސިވިލް ކޯޓުން އިއްޔެކުރި ހުކުމްގައިވާގޮތުން މޯލްޑިވިއަނަށް އެއްފަހަރާ ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަން ޖެހޭނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay