.jpg&w=3840&q=75)
ކާނޭއެއްޗެއް ނުލިބި ޣައްޒާއިން ބަނޑަށް މަރުވި މީހުންގެ އަދަދު 212 އަށް، އެހީގެ ސާމާނުކޮޅުވެސް ލޫޓުވަނީ

ސައިފް އަޒުހަރު - 10 އޯގަސްޓު 2025 - 05:54
ކާނޭއެއްޗެއް ނުލިބި ޣައްޒާއިން ބަނޑަށް މަރުވި މީހުންގެ އަދަދު 212 އަށް އަރައިފިއެވެ.
ޣައްޒާ ސަރުކާރުގެ މިނިސްޓްރީ އޮގް ހެލްތުން ބުނީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 11 މީހުން މަރުވެފައިވާ ކަމަށެވެ.
ޣައްޒާގެ ރައްޔިތުން ބަނޑަށްމެރުމަށްޓަކައި އިސްތިއުމާރީ އިސްރާއީލުން ވަނީ، މިއަހަރުގެ މާޗްމަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި، އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައެވެ.
އަދި ދުނިޔޭގެ ޕްރެޝަރާހެދި ޣައްޒާއަށް މިހާރު އެތެރެކުރަން ހުއްދަދޭ އެހީގެ ސާމާނުކޮޅުވެސް، ހަތިޔާރުއެޅި ގްރޫޕްތައް ލައްވައި ލޫޓުވައި، އާންމުންނާ ހަމައަށް ފޯރިޔަނުދީ ގެންދަނީ ހުރަސް އަޅަމުންނެވެ.
ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، ވޭތުވެދިޔަ 13 ދުވަހުގެ ތެރޭގައި ޣައްޒާއަށް އެތެރެކޮށްފައިވަނީ އެންމެ 1،115 ޓްރަކްގެ އެހީގެ ސާމާނު ކަމަށެވެ. އެ މުއްދަތުގައި އެތެރެވާންޖެހެނީ 7،800 ޓްރަކް ކަމަށްވެސް ބުނެފައި ވެއެވެ.
ޣައްޒާއަށް އެތެރެކުރި 1،115 ޓްރަކްގެ ތެރެއިން ގިނަ ޓްރަކްތައް ހަތިޔާރުއެޅި ގްރޫޕްތަކުން ލޫޓުވާލީ ކަމަށްވެސް ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.
މީގެއިތުރުން، އިންސާނީ އެހީގެ ބެހުމުގެ ނަމުގައި ޣައްޒާގައި ހަރަކާތްތެރިވާ އެމެރިކާގެ ގްރޫޕުން އެހީގެ ސާމާނު ބެހުމަށް ހަދާފައިވާ ޕޮއިންޓްތަކުގައި ކޮންމެ ދުވަހަކު އެތައް ކުޑަކުދީންނާއި އާންމުންގެ ގަޔަށް ބަޑިޖަހައި ގެންދަނީ ޝަހީދު ކުރަމުންނެވެ.
ޣައްޒާގެ އެކި ހިސާބުތަކަށް އިއްޔެ ދިން ހަމަލާތަކުގައި 47 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައިވެސް އިންސާނީ އެހީ ހޯދަން ގޮސްތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި އެތައް ބަޔަކު ހިމެނެއެވެ.