logo

ވީއައިއޭގެ ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި

profile

މުހައްމަދު މުޝްރިފް - 31 ޑިސެމްބަރު 2025 - 16:28

https://wamco.com.mv/

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް, ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.

ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް, ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މި ހަފުލާގައި ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފެށުމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ 26 ޖުލައި 2025 ގައި އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ އަދި ބޮޑު މަސައްކަތް ފާހަގަކުރައްވައިފައެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން, އެ މުވައްޒަފުންގެ އާއިލާއާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކުރި އިރު, އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތްކުރީ އަމިއްލަ ނަފުސު އެއްފަރާތްކޮށް, އެމްއޭސީއެލް ވަންތަވެގެން ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ, ޓާމިނަލް 1 ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް, ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މި އަހަރަށްވުރެ ކާމިޔާބު އަހަރަކަށް އަންނަ އަހަރު ހެދުމަށް ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay