ރ. ވާދޫ އިން ޒިދާން މުޙައްމަދު، އަސްލު:
ރ. އަތޮޅުގެ އުތުރު ބިތުން ދެވަނައަށް އޮތް މިރަށަށް ދުނިޔޭގެ ސަމާލުކަން ލިބި ގިނަ ބައެއްގެ ހިތް ދަމައިގަތީ ގޮނޑުދޮށުގައި ރެދަންލައި ނޫކުލައިން ވިދައި ބަބުޅަނިކޮށް އާއްމުވި ފޮޓޯތަކަކުންނެވެ. ގުދުރަތީ އެހިތްގައިމުކަން ދެކިލަން ދުރު ގައުމުތަކުން ދަތުރު ހަދާފައިވެސް މިރަށަށް މީހުން ޒިޔާރަތްކުރެއެވެ. އަޖައިބެއް ފަދަ އެރީތިކަން މިރަށުގެ މީހުން އަހަރަކު ދެ ފަހަރުވަރު ތަޖުރިބާކުރެއެވެ. މިކަން މިހެން ހިނގާތާ އެތައް ޒަމާނެކެވެ. އާއްމުކޮށް ވާދޫގައި ރެދަންލަނީ ނޮވެމްބަރު/ ޑިސެމްބަރުގައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހުޅަނގުން އިރުވަޔަށް އަޅާލީމައެވެ.
ޒަމާނުއްސުރެ ރެދަންލުމަށް މަޝްހޫރު ވާދޫގެ ގޮނޑުދޮށްތަކުގެ ވާހަކަ ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން ދަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ. ހަމައެކަނި ދިވެހި ނޫސްތަކުން ފެންނަ ވާހަކައެއް ނޫނެވެ.
ބައިނަލްއަޤްވާމީއާގެ ނޫސްމަޖައްލާތަކާއި ރޭޑިއޯ، ޓީވީގެ ސަމާލުކަން ވެސް މިރަށަށް ލިބިފައި ވެއެވެ. ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ހިތްގައިމު ފޮޓޯތައް ބޭރު ދުނިޔޭގެ އެހެނިގެން މަންސަތަކުންވެސް ފެނެއެވެ. ބޮޑެތި ޓްރެވެލް ސައިޓްތަކުގައި ވެސް މި ވާހަކަ އެބަ އޮތެވެ. މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ސީއެންއެންގެ ޓްރެވަލް އެޑިޝަނުގައި ވެސް ވާދޫ ވަނީ ފީޗާކޮށްފައެވެ.
"ކޮންމެހެން ދެކިލަން ޖެހޭ 15 ގުދުރަތީ މަންޒަރ" މި ސުރުހީގެ ދަށުން ސީއެންއެންގައި ގެނެސްދީފައިވާ ލިސްޓްގެ އެންމެ ކުރީގައި ހިމަނާފައި އޮތީ ވާދޫއެވެ. މީގެ އިތުރުން ވެސް ޖަޕާނުގެ ޓީވީ ސްޓޭޝަންތަކާއި، ބީބީސީ އަދި ޑިސްކަވަރީ ފަދަ ޗެނަލްތަކުންވެސް މިމަންޒަރު ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައެވެ. ގޫގަލްއިން ވާދޫ ރެދަން ބީޗް ލޭބަލްކޮށްފައިވަނީ "ސީ އޮފް ސްޓަރސް" ގެ ގޮތުގައެވެ.
ރ. ވާދޫ
މިރަށު މީހުން ބުނާ ގޮތުގައި، ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފައެވެ. ތަޖުރިބާކުރި މީހުން ބުނަނީ އިރުއޮއްސި އަނދިރިވުމާއެކު، ރަށުގެ ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ ވިދައި ބަބުޅާ ކަމަށެވެ. އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ ގުދުރަތީ މި ހިތްގައިމު މަންޒަރެވެ.
ޢިލާހީ ކުޅަދުންވަންތަކަމުގެ ހެކިތަކުން ހެއްކަކަށް ފުދޭ މިއަލިކަން ވާދޫގެ ގޮނޑޮދޮށުންނާއި ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑުދޮށުން ފެނުމަކީ މޫސުމީ ކަމެކެވެ. އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ އެއަށް ވުރެ ގިނައިން ވެސް މި މޫސުން އަތުވެދާނެއެވެ. ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލައި ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުން ކަމަށް އަސްލާ ވާހަކަދެއްކި ބައެއް މީހުން ބުނެއެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެއެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގައެވެ. އެ ވަގުތު މުޅި ގޮނޑުދޮށުން ފެންނަނީ ނޫކުލައިން ދިއްލިފައިވާ މަންޒަރެވެ.
ސައިންސްވެރިންނާ ހަވާލާދީ އިންޓަނެޓްގައި ހުރި ރިސާޗް ލިޔުންތަކުން އެނގޭ ގޮތުގައި ގޮނޑުދޮށްތަކާއި ކަނޑުމަތިން އާންމުކޮށް ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްއެވެ. މިއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލޭ އެއްޗަކަށް ވިޔަސް، އެއީ ސިކުންތެއްހާއިރުގެ ދިއްލުމަކަށް ފަހު ނިވޭނެއެވެ. ރާޅު ޖަހާއިރު ނުވަތަ މޫދުގައި އަތުން ޖެހުމުން ވެސް ހިނދުކޮޅަކަށް ދިއްލިދާނެ އެވެ. މިއީ ”ފަޔަފްލައި އިފެކްޓް“ އެވެ.
ދިރާސާކުރާ މީހުން ބުނާ ގޮތުގައި، މަޝްހޫރުވި ވާދޫގެ ފޮޓޯގައި އެފެންނަނީ އާދައިގެ ފައިޓޮޕްލެންކްޓަންސް އެއް ނޫނެވެ. އެ ފޮޓޯ އަށް އެހާ ރީއްޗަށް މަންޒަރު އަތުލެވިފައިވަނީ ގިނައިރު ދިއްލޭ ސޫފިތަކެއްގެ ސަބަބުންނެވެ. އެއީ އޮސްޓްރަކޯޑްސް ކަމަށް ބުނެވެއެވެ. މިއީ އެއްޗެއްގައި ޖެހުމަށް ފަހު އެއް ސިކުންތާއި އެއް މިނެޓާ ދެމެދުގެ ވަގުތަކަށް ދިއްލޭ އެއްޗެކެވެ. އެހެންވެ މީގެ އެތައް ހާސް އެއްޗެއް ގޮނޑުދޮށަށް މަރުވެ ލެއްގުމުން މި ރީތި މަންޒަރު އުފެދިގެން އަންނަނީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައި
ހިތްގައިމު މިމަންޒަރު ބަލާލަން ރ. އަލިފުށީގެ ދެކުނަށް އޮންނަ ވާދޫއަށް ކަނޑުމަގުން ދެވޭނެއެވެ. ވައިގެމަގުން ނަމަ އިފުރު ޑޮމެސްޓިކް އެއާޕޯޓަށް ގޮސް، ޕްރައިވެޓް ހަޔަރ ސްޕީޑް ލޯންޗެއްގައި ނުވަތަ އަތޮޅު ފެރީގައި ވާދޫއަށް ދަތުރުކުރެވިދާނެއެވެ. އަދި ރ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ސްޕީޑް ފެރީތަކުގައިވެސް ވާދޫއަށް ދެވިދާނެއެވެ.
ގެސްޓުހައުސްއެއްގެ އިތުރުން ގޭގޭގައި ކުއްޔަށް ދޫކުރާ އަގުހެޔޮ ކުލީ ކޮޓަރިތަކުގައި އެކޮމޮޑޭޓްވެވިދާނެއެވެ. ދެން އޮތީ ކެއުންބުއިމެވެ. ފިހާރަތަކާއި ފެންވަރު ރަނގަޅު ރެސްޓޯރެންޓުތަކުގެ ތަޖުރިބާވެސް ރަނގަޅުވާނެއެވެ. ޖައްސާލާ ކަހަލައެއް ނޫން ހެއްޔެވެ؟