
އައު ވިޔަފާރި ބަނދަރުގެ މަސައްކަތަށް ތިލަފުށި ފަޅު ހުސްކުރަން އެޗުޑީސީން އަންގައިފި

އާމިނަތު ޝަޒްލާ - 06 އޯގަސްޓު 2026 - 11:26
ތިލަފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އާ ވިޔަފާރި ބަނދަރުގެ ބިޔަ މަޝްރޫއަށް އެ ރަށުގެ ފަޅު ތައްޔާރުކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސަރުކާރުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ގެންގުޅޭ އަމާޒަށް ވާސިލުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެންގުމުގެ ދަށުން ހުސްކުރަން ޖެހެނީ ތިލަފުށީގެ މެދު ފަޅުގެ ހުޅަނގު ބައިގައި ހުރި އުޅަނދުފަހަރެވެ. މީގެ ތެރޭގައި ފަޅުތެރޭގައި ބޭއްވިފައިވާ އުޅަނދުތަކުގެ އިތުރުން، އެކި ސަބަބުތަކާ ހުރެ އަޑިއަށް ގޮސްފައިވާ ތަކެތި ވެސް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
އެޗުޑީސީން ވަނީ މި ތަކެތި ނަގައި ފަޅު ހުސްކުރުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ، އެ ކޯޕަރޭޝަނުގެ އުސޫލުތަކުގެ ދަށުން އެ ތަކެއްޗާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެޗުޑީސީން ވަނީ ދީފައެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. ރައީސް މުއިއްޒުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި، ވިޔަފާރި ބަނދަރުގެ ހުރިހާ ޚިދުމަތްތަކެއް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން މާލޭގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ވިޔަފާރި މުދާ އުފުލުމާއި ގުދަންކުރުމުގެ ނިޒާމަށް ބޮޑެތި ލުއިތަކެއް ލިބި، ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މި ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
7 ގަޑިއިރު ކުރިން

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާރްޑީސީން ތައްޔާރުވެއްޖެ
7 ގަޑިއިރު ކުރިން

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 14 ވަނަ އެޑިޝަން ހުޅުމާލޭގައި ފަށައިފި
7 ގަޑިއިރު ކުރިން

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
7 ގަޑިއިރު ކުރިން


