logo

ބަޖެޓުގެ މަސައްކަތް މިމަހު 20 ގެ ކުރިން ނިންމަން ކޮމިޓީން ފާސްކޮށްފި

profile

އައިމިނަތު ރޫޔާ - 04 ނޮވެމްބަރު 2024 - 14:01

ބަޖެޓު ދިރާސާ ކޮމިޓީ-- ފޮޓޯ: މަޖިލިސް

ބަޖެޓު ދިރާސާ ކޮމިޓީ-- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 20 ގެ ކުރިން ނިންމުމަށް ބަޖެޓު ދިރާސާ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބަޖެޓްގެ މަސައްކަތް ނިންމާނެ ދުވަހެއް ކަނޑައެޅީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.

ހަނިމާދު ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދުކޮށްފައެވެ. އެއާއެކު މުޅި ބަޖެޓްގެ މަސައްކަތް ނިންމާނެ ދުވަހެއްގެ ގޮތުގައި މި މަހުގެ 20 ވަނަ ދުވަސް ފާސްކުރީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2025 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާނެއް ޓައިމްލައިނެއް ވަނީ އެކުލަވާލާފައެވެ.

ކޮމިޓީގައި ވަނީ އޮޑިޓާ ޖެނެރަލް އާއި ގަވަރުނަރު ބަޖެޓާއި ދޭތެރޭ ދެކޭ ގޮތުގެ ޚުލާސާ ބަޔާން ހޯދުމަށް ނިންމާފައެވެ. އަދި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ އިދާރީ އެންމެހައި ލިޔެކިޔުންތައް ހޯދުމަށްވެސް ވަނީ ނިންމާފައެވެ.

މިއަދުގެ ކޮމިޓީގައި ވަނީ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވާފައެވެ. އެގޮތުން ކޮމިޓީގެ މުގައްރިރަކަށް ހޮވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފާޒާދް އަދި ނައިބު މުގައްރިރަކަށް ހޮވިފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

https://wamco.com.mv/
tel:+9607331319