ކ. ފުށިދިއްގަރު ފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދަމަހައްޓައިފިއެވެ.
ޖިހާދުގެ މައްޗަށް ކޮށްފައިވާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ބެލެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ޖިހާދުގެ މައްސަލަ ހައިކޯޓަށް ބަލައި ނުގަންނަން ނިންމިކަން، ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިޔުމުން އަންގާފައެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމެވުމާމެދު އެ އޮފީހުން ހިތްނަމަ ނުޖެހޭތީއާއި، ރަޖިސްޓްރަރގެ ނިންމެވުން ކޯޓުތަކުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާއާ ފުށުއަރާކަމަށް ފެންނާތީ، އެ ނިންމެވުން މުރާޖަޢާ ކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ޖިހާދަށް ޗިޓު ރައްދުކުރެވޭނެ ގޮތް ސާފުކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ޕީޖީ އޮފީހަށްދީ، ހައިކޯޓުން ބޭރުކޮށްލި މައްސަލަ އަލުން ހުށަހެޅުމުން، އެ މައްސަލަ ބޭރުކޮށްލީ، ކޯޓުން ދިން މުއްދަތުގައި ހުށަހަޅާފައި ނުވުމުންނެވެ.
އެހެންވެ، އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ ހަފުތާގައި ނިންމީ ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ގާނޫނާ ހިލާފުވާ އެއްވެސް ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބަނާޒު ފަހުމީ ވަނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ތާއީދު ކުރައްވާފައެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ދެ ދުވަހުގެ ލަސްވުމެއް އޮތަސް އެޑްރެސް ސާފުކޮށްފައިވާތީ މައްސަލަ ބަލައިގަތުމަށެވެ.
ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، 50 އިންސައްތައިގެ ބަދަލުގައި ދައުލަތުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގައެވެ. އޭރު އޭނާ އަކީ ފިނޭންސް މިނިސްޓަރެވެ.
އެ މައްސަލަ ބޭރުކޮށްލުމަށް ކްރިމިނަލް ކޯޓުން ޖުލައި މަހުގެ 25 ގައި ނިންމީ، ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެންމެ އިންސާފުވެރި ތަހުގީގެއްގެ ތެރެއިން ކަމަށް ނުވާތީ ތަހުގީގުގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންތައްތަކެއް އުނިވެފައިވާ ކަމަށް ބުނެއެވެ. ކޯޓުން އެ ނިންމުން ނިންމީ، ޖިހާދުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެންނެވެ.
ެއެހެންވެ ދައުލަތުގެ ފަރާތުން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރޮސެކިއުޓާ ޖެނެރަލްެގެ އޮފީހުން ބުނީ އެ މައްސަލައިގެ އިސްތިއުނާފް ބިނާކޮށްފައި ވަނީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައިގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމުގެ މައްޗަށް ކަމަށެވެ.
ދައުލަތުން ހައި ކޯޓުގައު އެދިފައިވަނީ އެ މައްސަލައަކީ މައުލޫއީ ގޮތުން މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމަށެވެ.