logo

އިސްލާމިކް ޖިހާދުގެ ބަސް: އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނު އެތައްހާސް ގައިދީންގެ ހައްގުގައި ބަހެއްބުނާނެ ބަޔަކުނެތް

profile

ސައިފް އަޒުހަރު - 17 އޭޕްރީލު 2025 - 09:26

މިއަދަކީ، ފަލަސްތީނުގައި ފާހަގަކުރާ "ގައިދީންގެ ދުވަސް" އެވެ.

https://wamco.com.mv/

މިއީ، އިސްތިއުމާރީ އިސްރާއީލުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްތީނު އެތައްހާސް ރައްޔިތުންގެ މަތީން ހަނދާން އައުކޮށް، އެމީހުން މިނިވަންކުރަން ގޮވާލަން ފާހަގަކުރާ ދުވަހެވެ.

އިސްތިއުމާރީ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ކުޑަކުދީންނާއި، އަންހެނުންވެސް ބަންދުކޮށްފައި ތިބިއިރު، ބައެއް މީހުން ޖަލަށް ލާފައިވަނީ އެއްވެސް ކުށެއްގެ ތުހުމަތުގައެއް ނޫނެވެ. ބައެއް މީހުން ޖަލަށް ލާފައިވަނީ އެއްވެސް ޝަރީއަތަކާ ނުލައެވެ.

އިސްރާއީލުގެ އެތެރޭގައި ހަދާފައިވާ ޖަލުތަކާއި އަދި ހިފާފައިވާ ފަލަސްތީނުގެ އެހެން ބިންތަކުގައި ހަދާފައިވާ ޖަލުތަކުގައި މިހާރުވެސް ގާތްގަނޑަކަށް 10،000 މީހުން ހައްޔަރު ކޮށްފައި ވާއިރު، މީގެތެރެއިން 3،498 މީހުންނަކީ ޝަރީއަތަކާ ނުލައި ހައްޔަރުކޮށްފައިވާ މީހުންނެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 400 ކުޑަކުދިންނާއި، 30 އަންހެނުންވެސް ހިމެނެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން 2،000 މީހުންނަކީ، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން މިހާރު ފަށައިގެންއުޅޭ ހަނގުރާމައިގެ ތެރޭގައި ޣައްޒާއިން ހައްޔަރު ކޮށްފައިވާ މީހުންނެވެ.

ހަނގުރާމައިގެ ތެރޭގައި ޖަލަށްލާފައިވާ މީހުންގެ ތެރެއިން، އިސްތިއުމާރީ ސިފައިން ބޮޑެތި އަނިޔާތައްކޮށް 64 މީހަކު ޖަލުތަކުގައިވަނީ މަރާލާފައެވެ.

އިސްރާއީލުން ހަދާފައިވާ ޖަލުތަކަކީ، ފަލަސްތީނު މީހުންނަށް ޖިސްމާނީ، ނަފްސާނީ އަދި ލާއިންސާނީ ބޮޑެތި އަނިޔާތައް ދެވޭގޮތަށް ފަރުމާކޮށްފައި ހުންނަ ޖަލުތަކެވެ.

ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމަށްފަހު، އިސްތިއުމާރީ އިސްރާއީލުން ހައްޔަރުކުރާ ފަލަސްތީނު މީހުންގެ އަދަދު އެތައްތަނުން އިތުރުކޮށްފައި ވެއެވެ. މިހާރުވެސް ކޮންމެ ދުވަހަކު އެތައްބަޔަކު ހައްޔަރުކުރަމުން ގެންދާއިރު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން ޣައްޒާއާއި ހުޅަނގު އައްސޭރިން މިހާތަނަށް ގާތްގަނޑަކަށް 30،000 މީހުން ހައްޔަރު ކޮށްފައިވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު ދެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުން މިނިވަންކުރީ ފަލަސްތީނުގެ ދެހާހެއްހާ ގައިދީންނެވެ.

މިނިވަންކުރި ފަލަސްތީނުގެ ކޮންމެ މީހަކަށް، އިތުރު 15 މީހުން މިހާތަނަށްވެސް ހައްޔަރު ކޮށްފައި ވެއެވެ.

އދއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަމީހުން ހައްޔަރުކޮށް ޖަލަށް ލާފައި ވެއެވެ. މިއީ، ފަލަސްތީނުގެ މުޅި އާބާދީގެ 20 އިންސައްތައެވެ.

މިއަދު ފާހަގަކުރާ ގައިދީންގެ ދުވަހާ ގުޅިގެން، ޣައްޒާގެ އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި ހައްޔަރުކޮށްފައިވާ އިސްރާއީލު މީހުން މިނިވަންކުރަން ބަޔަކު ގޮވާލާއިރު، އިސްރާއީލުން ޖަލުތަކަށް ލައިގެންއުޅޭ ފަލަސްތީނު ކުޑަކުދިންނާއި، އަންހެނުން ހިމެނޭހެން އެތައްހާސް މީހުންގެ ހައްގުގައި ބަހެއް ބުނާނެ މީހަކު ނެތް ކަމަށެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު އެތައްހާސް ގައިދީން އުފުލަމުންދާ ވޭނާއި، ތަކުލީފާއި، ދެމުންގެންދާ އަނިޔާތަކަށް ބައިނަލްއަގްވާމީ މުޖުތަމައު އޮންނަނީ ޒަމާނުއްސުރެ ހިމޭނުން ކަމަށް، އިސްލާމިކް ޖިހާދުން ބުނެފައި ވެއެވެ.

https://etukuri.mv/
https://www.aslu.com.mv