logo
މަސްތަކެއް ވަންދެން ވަލުތެރޭގައާއި ބިމުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި ހަރަކާތްތެރިވި ވޮލަންޓިއަރުން، ސެންޓްރަލް ކަލިމަންޓަން ޕްރޮވިންސްގެ ޕަލަންކަ ރަޔާއަށް ބޯކޮށް ވާރޭވެހުމުން އެކަމުގެ އުފާފާޅުކުރަނީ،، ފޮޓޯ: ގަލްފް ޓައިމްސް

މަސްތަކެއް ވަންދެން ވަލުތެރޭގައާއި ބިމުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި ހަރަކާތްތެރިވި ވޮލަންޓިއަރުން، ސެންޓްރަލް ކަލިމަންޓަން ޕްރޮވިންސްގެ ޕަލަންކަ ރަޔާއަށް ބޯކޮށް ވާރޭވެހުމުން އެކަމުގެ އުފާފާޅުކުރަނީ،، ފޮޓޯ: ގަލްފް ޓައިމްސް

ވިހަ ދުމުގެ ތެރޭގައި އޮތް އިންޑޮނޭޝިއާގެ ސިޓީއަކަށް ވާރޭވެހި، ބޮޑު ލުޔެއް ލިބިއްޖެ

profile

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 11:39

މަސްތަކެއް ވަންދެން ކުރިމަތިވި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ ތެރޭގައި އޮތް އިންޑޮނޭޝިއާގެ ސިޓީއަކަށް، މި ހަފުތާގައި ވާރޭ ވެހުމާއެކު ލިބުނު ހިތްހަމަޖެހުމުގައި އެ ސިޓީގެ ރައްޔިތުންނާއި ފަޔަރ ފައިޓަރުން އުފަލުން މަގުމައްޗަށް ނުކުމެ އުފާފާޅުކޮށްފިއެވެ.

https://wamco.com.mv/

އޮގަސްޓް މަހުން ފެށިގެން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަމުންދާ އިންޑޮނޭޝިއާގެ ބޯނިއޯގެ ސެންޓްރަލް ކަލިމަންޓަން ޕްރޮވިންސްގެ ވެރިރަށް ޕަލަންކަރާޔާ އަށް ދަނީ ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުންނެވެ.

ބުދަ ދުވަހުގެ ރޭ ބޯކޮށް ވާރޭ ވެހެން ފެށުމާއެކު، ވަރުބަލިވެފައި ތިބި ވޮލަންޓިއަރު ފަޔަރ ފައިޓަރުން ފެންގަނޑުތަކުގެ ތެރޭގައި އުފަލުން ފުންމައި، ޝުކުރުގެ ސަޖިދަޖަހައި ބިމުގައި ބޮސްދީފައިވެއެވެ.

މާތްﷲގެ ރަޙްމަތްފުޅާއި މިންވަރުފުޅުން، އިންތިޒާރުކުރަމުންދިޔަ ވާރޭ ވެހުމާ ގުޅިގެން ލިބުނު ބަޔާންކުރަންދަތި ބޮޑު އުފަލުގައި، ހިލޭސާބަހަށް މަސައްކަތްކުރި އެންމެހައި ފަރާތްތަކުން ޝުކުރުގެ ސަޖިދަ ޖަހާފައިވާ ކަމަށް، ފަޔަރ ފައިޓަރެއް ކަމުގައިވާ ލުޤްމާން އަލް ޙާކިމް އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުންޏެވެ.

މަސްތަކަކަށް ދެމިގެންދިޔަ މި ހާދިސާގައި އުފެދުނު ދުމުގެ އަސަރު އަވަށްޓެރި ގައުމުތަކަށްވެސް ކޮށްފައިވާއިރު، ޕަލަންކަރާޔާ އިން އެކަނިވެސް ނޭވާލާ ނިޒާމުގެ ބަލިތަކަށް 11،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވެއެވެ.

މި މަހުގެ ތެރޭގައި އެ ސިޓީގެ ވައިގެ ނުސާފުމިން (އެއަރ ކޮލިޓީ އިންޑެކްސް) 4,000 އަށް އެރިއިރު، މިއީ އެ ސިޓީގެ ތާރީޚުގައިވެސް އެންމެ ދަށްވި މިންވަރެވެ. މިއީ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ "ސިއްހަތަށް ނުރައްކާތެރި" މިންގަނޑަށްވުރެ 13 ގުނަ އިތުރު އަދަދެކެވެ.

ވައިގެ ތެރޭގައި ހުންނަ ކުދިކުދި 'ޕީއެމް 2.5' ޕާޓިކަލްސް ހިމެނޭހެން، ވައި ނުސާފުވުމުގެ ސަބަބުން ބަލިތައް ޖެހުމާއި، އުމުރުން ދުވަސް ނުވަނީސް މަރުވުމުގެ ފުރުސަތު ބޮޑުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެއެވެ.

ޕަލަންކަރާޔާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޖިހާން އަލްވީ، ލިބުނު މި ލުޔާއެކު، މަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް ބޭރަށް ނުކުމެ ކަސްރަތަށް ދުވަން ފަށާފައިވެއެވެ.

މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފާޅުކުރަމުން، އުމުރުން 23 އަހަރުގެ އެ ޒުވާނާ ހާމަކުރި ގޮތުގައި، އަލުން ދުވަން ނިކުމެވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އިއްޔެއާ އަޅާބަލާއިރު މިއަދު ލިބެމުންދާ ސާފު ވަޔާއި ތާޒާ މާހައުލާމެދު ނުހަނު އުފާކުރާ ކަމަށާއި، މި ލިބުނު ފުރުސަތަށްޓަކައި ހިތުގެ އަޑިން ޝުކުރުވެރިވާ ކަމުގައި ވެސް އޭނާ ފާހަގަކުރިއެވެ.

އެހެންނަމަވެސް، އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާ (ބީ.އެމް.ކޭ.ޖީ) އިން ބުނި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހޫނުގަދަވެ ވާރޭ ނުވެހި ދިގުލައިގެން ދާނެއެވެ. އަދި އިތުރަށް އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

ކާރިސާތަކާ ބެހޭ އިދާރާ (ބީ.އެން.ޕީ.ބީ) އިން ހާމަކުރި ގޮތުގައި، އިންޑޮނޭޝިއާގެ ހަ ޕްރޮވިންސެއްގައި އާޓިފިޝަލްކޮށް ވާރޭ ވެއްސުމަށާއި (ކްލައުޑް ސީޑިންގ) އަލިފާން ނިއްވުމުގެ މަސައްކަތްތަކަށް 61 ބޯޓާއި ހެލިކޮޕްޓަރު ދަނީ ބޭނުންކުރަމުންނެވެ.

އެ އިދާރާއިން ބުނީ ކްލައުޑް ސީޑިންގްގެ އެހީގައި ސެންޓްރަލް ކަލިމަންޓަން، ސައުތު ކަލިމަންޓަން އަދި ސައުތު ސުމަޓްރާއަށް މި ފަހުން އެކި މިންވަރަށް ވާރޭ ވެހިފައިވާ ކަމަށެވެ.

ބީ.އެމް.ކޭ.ޖީގެ އޮފިޝަލް، ތުރީ ހަންޑޯކޯ ސެޓޯ އިއްޔެ އޭ.އެފް.ޕީއަށް މައުލޫމާތު ދެމުން ބުނީ، ވާރޭ ވެހެން ފެށުމާއެކު ޕަލަންކަރަޔާގެ ވައިގެ ނުސާފުކަން (ޕީ.އެމް 2.5) ދަށްވާން ފަށާފައިވާ ކަމަށެވެ.

"ވައިގެ ނުސާފުކަން އަދިވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައި ނަމަވެސް، މީގެ ހަފުތާއެއް ކުރިއާ އަޅާބަލާއިރު މިހާރު ވަނީ ރަނގަޅުވާން ފަށާފައި. ކުރިން ހުރީ ވަރަށް ނުރައްކާތެރި މިންވަރެއްގައި،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި އަލިފާނުގެ އަސަރުކޮށްފައިވާ ޕްރޮވިންސްތަކުގެ މަތީގައި ވާރޭވިލާ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އަދި އިތުރަށް ވާރޭ ވެއްސުމަށްޓަކައި ވިލާ އުފެއްދުމުގެ (ކްލައުޑް ސީޑިންގ) މަސައްކަތްތައް ކުރިއަށް ގެންދަނީ، އެ ވާރޭގެ ސަބަބުން އަނދާފައިވާ ބިމުގެ އަޑިއަށް ދާންދެން ފަސްގަނޑު ރަނގަޅަށް ތެމި، އަލިފާން އެއްކޮށް ނިވިގެންދާނެ ކަމުގެ އުންމީދުގައެވެ.

ނަމަވެސް، ވިއްސާރަ މޫސުމުގެ އެންމެ ގަދަ ދުވަސްވަރަށް އެޅުމުގެ ކުރިން އަދިވެސް ހޫނު މޫސުމުގެ ދުވަސްތަކެއް އަތުވެދާނެތީ، ސަމާލުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

އިންޑޮނޭޝިއާގެ މި އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 11 މީހުން މަރުވެފައިވެއެވެ. އެންމެ ފަހުން މަރުވެފައިވަނީ އުމުރުން 45 އަހަރުގެ ފޮރެސްޓް ރޭންޖަރެކެވެ. އޭނާ މަރުވީ މިދިޔަ ބުދަ ދުވަހު ސައުތު ސުލަވޭސީގެ ނޯތު ޓޮރާޖާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅެނިކޮށް ގަހެއް ވެއްޓިގެންނެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި، ގަސްދުގައި އަލިފާން ރޯކުރާ ފަރާތްތަކާއި ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ގައުމީ ފުލުހުންގެ އިސް ތަހުގީގީ އޮފިސަރު އާސެޕް ސަފްރުއްދީން ވިދާޅުވީ، 245 ފަރުދަކާއި 20 ކުންފުންޏަކާ މެދު ތުހުމަތު ކުރެވިފައިވާ ކަމަށާއި، އެ ފަރާތްތަކަށް ޖަލު ހުކުމާއި ބޮޑެތި ޖޫރިމަނާތަކެއް އަތުވެދާނެ ކަމަށެވެ.

ޖަންގަލިތައް ހަލާކުވާ މިންވަރު ބަލާ "ނުސަންތާރާ އެޓްލަސް" އިން ބުނާ ގޮތުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ހިނގި ނުވަ މަސް ދުވަހުގެ ތެރޭގައި 1.9 މިލިއަން ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަލިފާނުގައި އަނދާފައެވެ.

މި އަލިފާނުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު މެލޭޝިއާ، ސިންގަޕޫރު، ފިލިޕީންސް އަދި އީސްޓް ޓިމޯރާ ހަމައަށް ފޯރާފައިވާއިރު، މިއީ އިންޑޮނޭޝިއާ އާއި އަވަށްޓެރި ގައުމުތަކުގެ ގުޅުމަށް ވެސް ބުރޫއަރާފައިވާ ކަމެކެވެ.

މާހިރުން ބުނާ ގޮތުގައި، މި އަލިފާނުގެ ހާދިސާތައް ގިނައިން ހިނގަނީ ގަސް ކަނޑައި އަންދައިގެން ބިން ސާފުކުރުމުގެ ސަބަބުންނެވެ. މިއީ އާންމުކޮށް ލަކުޑި އާއި ކާށިތެޔޮ (ޕާމް އޮއިލް) އުފައްދާ ކުންފުނިތަކުން ކުރާ ކަމެކެވެ.

https://wamco.com.mv/
tel:+9607331319