
އއ. ތޮއްޑޫ މިސްކިތް
ސުންނަތަކީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ދެކުމަކީ ބޮޑު އޮޅުމެއް: ޚުޠުބާ

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 08:30
ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ އޮތުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު" މި މަޢުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން، އެ ދީނުގެ ދެވަނަ މަޞްދަރަކީ މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި ސުންނަތް ކަމަށާއި، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ނުލިބޭނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޝަރުޢީ ކަމެއް ސުންނަތުން ސާބިތުވި ނަމަވެސް، ޤުރްއާނުގައި އެކަމުގެ ޙުކުމެއް ނެތް ނަމަ އެއީ ހަމައެކަނި ކުރުމުން ޘަވާބުލިބޭ، ނުކޮށް ދޫކޮށްލުމުން ޢަޛާބު ނުލިބޭ ކަމެއްގެ ގޮތުގައެވެ. އަދި އަނެއްބަޔަކު ޤުރްއާނުގެ ބޭރުން އެހެން އެއްޗަކަށް ބަލަން ނުޖެހޭނެ ކަމަށް ދެކޭ ދެކުމަކީ ކަނޑައެޅިގެންވާ ބޮޑު އޮޅުމެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
"އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެއް،" ޚުޠުބާގައި ވިދާޅުވިއެވެ. މީގެ މިސާލެއްގެ ގޮތުން ނަމާދު ފާހަގަކުރައްވަމުން ވިދާޅުވީ، ނަމާދު ފަރުޟު ކުރެއްވިކަން ޤުރްއާނުން އެނގެން އޮތް ނަމަވެސް، ނަމާދު ކުރާނޭ ގޮތް އެނގެން އޮތީ ސުންނަތުން ކަމަށެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތްވެސް އުނގަންނަވައިދެއްވީ ރަސޫލާ ﷺ އެވެ.
ކީރިތި ﷲ އަށް ކިޔަމަންވުމަށް ކުރައްވާފައިވާ އަމުރުފުޅާ ވިދިގެން، ރަސޫލާ ﷺ އަށް ކިޔަމަންވުމަށް ޤުރްއާނުގެ އެތައް އާޔަތެއްގައި އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އިލާހީ ވަޙީގެ ތެރެއިންވާ ބައެއް ކަމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެކަލޭގެފާނު ނަމޫނާއެއްގެ ގޮތުގައި ބަލައިގަތުމަކީ މުސްލިމުންގެ މައްޗަށް ލާޒިމު ކަމެއްކަންވެސް މިއަދުގެ ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ފަދަ ވަކިނުކުރެވޭނެ ގުޅުމެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ފިއްލަވަން ނޫޅުއްވާ! އެމްޑީޕީން އަޑު އުފުލާނަން: ސިއްޕެ
5 ގަޑިއިރު ކުރިން

ކޮލަމްބިއާގެ ބިންހެލުން: އިމާރާތްތަކުގެ ދަށުގައިވާ މީހުން ހޯދުމުގެ އުންމީދު ފަނޑުވަނީ
5 ގަޑިއިރު ކުރިން

އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ: ރައީސް
6 ގަޑިއިރު ކުރިން

ޤައުމީ ދުވަސް: އުތީމު މަހާރަދުންގެ މަތިވެރި ޖިހާދާއި ގައުމީ ސަލާމަތުގެ ރަމްޒު
6 ގަޑިއިރު ކުރިން


