
ޓެލެތޯން ކުރިއަށްދާވަގުތު ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

ޝަހްޒާ މުޙައްމަދު - 30 ނޮވެމްބަރު 2025 - 07:25
"ސިލޯނާއެކު ދިވެހީން" ޓެލެތޯން ކުރިއަށްދާ ވަގުތު ސްކޭމަރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންގޮސްދާނެތީ ހުރިހައި ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތަކާއި ގުޅިގެން ވަނީ ޚާއްސަ ޓެލެތޯނެއް ފަށާފައެވެ. މިޓެލެތޯން ކުރިއަށްދާނީ މިއަދުގެ 9:00 އިން ފެށިގެން މިރޭގެ މެންދަމު 1:00 އާއި ހަމައަށެވެ.
"ސިލޯނާއެކު ދިވެހިން" ޓެލެތޯންގައި ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ އިދާރާގެ ސީނިއަރ ސަރޖަންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ، ޓެލެތޯނަށް ވަކި ޚާއްސަ އެކައުންޓް ނަންބަރެއް ޚާއްސަކޮށްފައިވީނަމަވެސް ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކޮށްގެންވެސް މިފަދަ މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވޭކަމަށެވެ. ޚާއްސަކޮށް މިފަދަ ޓެލެތޯންތައް ކުރިއަށްދާއިރު ސްކޭމަރުން ސްކޭމް ހިންގާކަމަށާއި މިކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
"ޚާއްސަގޮތެއްގައި މިފަދަ ޓެލެތޯންއެއް ފެށިގެން ދާއިރުގައި އޭގެ ނާޖާއިޒް ފައިދާ ނެގުމަށްޓަކައި ސްކޭމަރުން މަސައްކަތްތަކެއް ކުރަމުންދާނެ. މިފަދަ ކަންކަމުން ދުރުވުމަށްޓަކައި ޚާއްސަކުރެވިފައިވާ އެކައުންޓް ނަންބަރު ރަނގަޅަށް ކަށަވަރުކުރެއްވުމާއި، ޕީއެސްއެމް މެދުވެރިކޮށްވެސް އަދި ފުލުހުން މެދުވެރިކޮށްވެސް ބީއެމްއެލް މެދުވެރިކޮށްވެސް ކަށަވަރުކުރެވޭނެ ގޮތްގޮތް ހުންނާނެ." ޝަހުނީޒް ވިދާޅުވިއެވެ.
ޓެލެތޯންގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވީ، ބޭންކުން ދޭ ކޮންމެ ޚިދުމަތަކީ ސެކިއުރިޓީއާއި އެކީގައި ދޭ ޚިދުމަތެއްކަމަށެވެ. ސެކިއުރިޓީ ބްރީޗްވަނީ އެ ކަސްޓަމަރއަކަށް ކުރަން ނުޖެހޭ ކަމެއް ކުރެވިގެންކަމަށެވެ. މިއަދުގެ މި ހަރަކާތައް ބަލާލާއިރުވެސް މިކަމަށް ޚާއްސަކޮށްގެން ވަކި ބޭންކް އެކައުންޓެއް ހުޅުވިފައިވާކަމަށާއި، ފައިސާގެ މުއާމަލާތް ކުރެވޭނެގޮތްތައްވެސް ޓީވީއިން ކިޔާދެމުންދާއިރު މިކަންކަމަށް ސަމާލުވުމަށް ސައީދު ވަނީ އެދިފައެވެ.
"މިސާލަކަށް އެބަހުރި ވަކި ގޮތްތަކެއް ދެއްތޯ. އެއީ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނަން. ކިއުއާރު ކޯޑަށް ބަލާލާއިރުވެސް ކިއުއާރުކޯޑު މި މަސައްކަތްކުރަނީ ބީއެމްއެލް އެޕް ހުޅުވައިގެން. މާނައަކީ އެބޭފުޅެއްގެ އެޕުންނޭ އެބޭފުޅަކަށް ޓްރާންސްފަރ ކުރެވޭނީ. ދެން އަދި އޭގެ އިތުރުން އެކައުންޓް ނަންބަރއަށް ޓްރާންސްފަރ ކުރާއިރުގައިވެސް އެ އެކައުންޓަކީ ސިލޯނާއިއެކު ދިވެހިން މިހެން ޖަހާފައި އޮތް އެކައުންޓްތޯ ޔަޤީންކުރުން އެއީ ވަރަށް މުހިންމުކަމެއް ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން." ސައީދު ވިދާޅުވިއެވެ.
"ސިލޯނާއެކު ދިވެހިން" ޓެލެތޯންގައި ފައިސާ ޖަމާކުރުމަށް އެއްވެސް އިދާރާއަކުން މެސެޖެއް ނުކުރާނެކަމަށް ގުޅުން ހުރި އިދާރާތުން ދަނީ އިލްތިމާސްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ87 އިންސައްތަ ނިމިއްޖެ
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް
6 ގަޑިއިރު ކުރިން

އަނެއްކާ ވެސް ފަސް ތަނެއް ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި
6 ގަޑިއިރު ކުރިން

ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
6 ގަޑިއިރު ކުރިން


