logo
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯއަށް އަނެއްކާވެސް ލަނޑުޖެހުމުގެ އިތުރު ރެކޯޑެއް

profile

ހަސަން ޝަމްއޫން - 15 އޮކްޓޯބަރު 2025 - 04:00

ފީފާ ވޯލްޑްކަޕް ކޮލިފައިން ޔޫރަޕް ގުރޫޕް އެފްގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލް އިން ހަންގޭރީއާއި ވާދަކޮށް އެއްވަރުވި މެޗުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އައުކޮށްފިއެވެ.

https://wamco.com.mv/

ކޮލިފައިންގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުގައި އަޔަލޭންޑާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ހަންގޭރީ އެންމެ ފަހުން ކުޅުނު މެޗުގައި އާރްމޭނިއާއި ވާދަކޮށް އެޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ހަންގޭރީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަޓިލާ ސަލާއި އެވެ.

ޕޯޗުގަލް އިން ނަތީޖާއެއްވަރުކުރި ލަނޑު ފުރަތަަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ލީޑުހޯދައިދިނީ ވެސް ރޮނާލްޑޯ އެވެ. މިއާއެކު ވޯލްޑްކަޕް ކޮލިފައިންގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 41އަށް އަރާފައެވެ. އަދި ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި ކުލަބަށާއި ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 948 އަރާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް އަދި މިޑްފީލްޑަ ބުރޫނޯ ފެނާންޑެސް ފޮނުވާލި ދެހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވިއިރު ހަންގޭރީގެ ޑިފެންޑަރު އަޓިލާ ސަލާއި ފޮނުވާލި ހަމަލާއެއް ވެސް ގޯލު ދަނޑިއަށް އަމާޒުވިއެެވެ.

ހަންގޭރީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޑޮމެނިކް ސްބޮޒްލާއި އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޯޗުގަލް ޓީމު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިނަރީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ޕޯޗުގަލް ޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރުމަށް ބާކީ އޮތް ދެމެޗުން ޕޯޗުގަލްއަށް ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ހަތަރު މެޗުން ހަންގޭރީއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.

https://wamco.com.mv/
https://www.aslu.com.mv