logo

ކުރީގެ މެމްބަރު ޢަބްދުލްޣަފޫރު އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ

profile

ޒިދާން މުޙައްމަދު - 14 އޮކްޓޯބަރު 2024 - 17:39

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޣަފޫރު އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ތަޢުޒިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ލިޔުއްވާފައި ވަނީ ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ.

އަދި މަރުޙޫމް ޢަބްދުލްޣަފޫރު އިބްރާހިމްގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް ދުޢާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މިއަދުގެ ވަގުތެއްގައި ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވެފައި ވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޢަބްދުލްޣަފޫރު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރައްވާފައެވެ.

ޢަބްދުލްޣަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުންގެ ނަންފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.

ޢަބްދުލްޣަފޫރު އަވަހާރަވީއިރު އުމުރުފުޅަކީ 68 އަހަރެވެ.

https://wamco.com.mv/
tel:+9607331319