logo

މުއައްސަސާގެ 15 އިންސައްތައަކީ އަންހެންނުން، ފުރުސަތު ފަހިކޮށްދޭނަން: ސީޕީ ޝުޖާއު

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 16:15

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓްގެ ތެރެއިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓްގެ ތެރެއިން

ފުލުހުންގެ މުއައްސަސާގެ ގާތްގަނޑަކަށް 15 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުން ކަމަށާއި އަންހެނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ މުއައްސަސާގެ އަމާޒެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަދައިން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓް ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ބޭއްވި މި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮމިޝަނަރގެ އަނބިކަނބަލުންނެވެ.

މި ހަފުލާގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެކި ރޭންކުތަކުގެ އަންހެން ފުލުހުންގެ އިތުރުން ހަފުލާގެ ސްޕޮންސަރ އައިލެންޑް ޕާފިއުމްބަރ، ސިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިްވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ހަފުލާގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގައި ހުރިހާ ދާއިރާއެއްގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދާކަމީ ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށާއި މީގެކުރިން އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރަމުން އައި އަންހެން މުވައްޒަފުން މިއަދު މި ޚިދުމަތުގެ އެކި ބަހާތަކުގައި މަސައްކަތް ކުރާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވިއެވެ.

އަދި ވިމެން އިން ޕޮލިސިންގ ކޮމިޓީން އިސްނަގައިގެން މިފަދަ ހަރަކާތްތައް ރޭވުމަކީ އަންހެން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ފަހިވެގެންދާ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ރޭވުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.

މި ހަފުލާގައި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގގެ އެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

އެގޮތުން، އައިލެންޑް ޕާފިއުމްބަރ، ޝިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޑިޕާޓްމަންޓުތަކާއި އެހެނިހެން މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.

މީގެ އިތުރުން، މި ހަފުލާގައި ބައިވެރިވި އަންހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ 750 ރުފިޔާގެ ގިފްޓް ވައުޗަރ އަދި ގުރުއަތުން ހޮވުނު އިތުރު ހަތް ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ ފަރާތުން ސެންޓު ހަދިޔާކޮށްފައި ވެއެވެ.

ލައިވް މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ކޭކު ފެޅުމާއެކު ޑިނަރއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

https://wamco.com.mv/
tel:+9607331319