logo

ނުރައްކާތެރިކޮށް ދުއްވައިގެން ހިފެހައްޓާ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހަށް ފަހު

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 14:45

ފުލުހުން މަގުމަތި ބަލަހައްޓަނީ

ފުލުހުން މަގުމަތި ބަލަހައްޓަނީ

ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށަށް ގެންދެވޭ އުޅަނދުތައް ދޫކުރުމާ ގުޅޭ އައު އުސޫލުގައި ބުނެފިއެވެ.

މި އުސޫލުތަކުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެންގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނެ މުއްދަތުތައް ވަނީ ކަނޑައަޅާފައެވެ.

އައު އުސޫލުތަކުގެ ދަށުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. ނަމަވެސް، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތަކާއި، އުޅަނދުގެ އަސްލު ގެއްލޭގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ހަމަވުމުންނެވެ.

މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ އުޅަނދުތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދުތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ ތަޙުޤީޤު ނިމުމަށްފަހު 7 ދުވަހުގެ ތެރޭގައެވެ.

މި އައު އުސޫލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ. މި އުސޫލުތަކަށް ގެޒެޓުގައި ޝާއިއު ކުރި ހިސާބުން ވަނީ ޢަމަލުކުރަން ފަށާފައެވެ.

https://int.etukuri.mv/
tel:+9607331319