
ބާސެލޯނާއި ސޯލް ވާދަކުރި މެޗުގެ ތެރެއިން..
ކޮރެއާގެ ސޯލް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން - 31 ޖުލައި 2025 - 20:06
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި ސައުތު ކޮރެއާގެ ސޯލް އާއި ވާދަކޮށް ފަސޭހަކަމާއެކު 7-3 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެެވެ.
ސައުތު ކޮރެއާގެ ސޯލް ވޯލްޑްކަޕް ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ކުޅޭ ހުރިހާ ކުޅުންތެރިން ކުޅުނުއިރު މިހާފުގައި ދެޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބާސެލޯނާއި ފެށީ މުޅިން ތަފާތު ޓީމަކާއެކުގައެވެ. އެގޮތުން މެޗު ފެށި އެގާރަ ކުޅުންތެރިން ވެސް ބަދަލުކޮށްފައިވާއިރު، މިހާފުގައި ބާސެލޯނާގެ އެޓޭކުތައް ފެނުނީ މާބޮޑުތަނުން ވެސް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އަދި ފެރާން ޓޮރޭސް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، ގަވީ، ކްރިސްޓިއަންސަން އަދި ލެވަންޑޮސްކީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ސޯލްގެ ޔަންގް-ވޫކް ޗޯ, ޔަޒާން އަބޯ އަލް އަރަބް އަދި ހާން މިން ޖަންގް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ސްޕެނިޝް ލަލީގާގެ ކުޅުން މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން އެކުވެރިކަމުގެ އިތުރު ދެމެޗު ކުޅުމަށް ބާސެލޯނާއިން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މިމަހުގެ ހަތަރުވަނަ ދުވަހު ކޮރެއާގެ ޑޭގޫ އާއި ދެކޮޅަށް ކުޅުމަށްފަހު މިމަހުގެ 11 ވަނަ ދުވަހު އެޓީމުން ނުކުންނާނީ އިޓަލީގެ ކޯމޯ އާއި ދެކޮޅަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރައި ބާސެލޯނާ އިން ރެއާލް ބެޓިސް ބަލިކޮށްފި
5 ގަޑިއިރު ކުރިން

ފަހަތުން އަރައި އެތްލެޓިކޯ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
4 ދުވަސް ކުރިން

ފަހަތުން އަރައި އަލަވޭސް ބަލިކޮށް ބާސެލޯނާ އެއްވަަނައަށް
7 ދުވަސް ކުރިން

ވޯލްޑް ޗެމްޕިއަން ޗެލްސީ އިން ފަސޭހަކަމާއެކު ބާސެލޯނާ ބަލިކޮށްފި
11 ދުވަސް ކުރިން


