.jpg&w=3840&q=75)
ޣައްޒާގައި އިންސާނީ އެހީ ހޯދަން ގޮސްތިބި އާންމުންގެ ގަޔަށް ބަޑިޖަހައި 24 މީހުން ޝަހީދު ކޮށްލައިފި

ސައިފް އަޒުހަރު - 24 ޖޫން 2025 - 06:55
އިންސާނީ އެހީ ހޯދަން ގޮސްތިބި އާންމުންގެ ގަޔަށް، އިސްތިއުމާރީ ޓެރަރިސްޓުން މިއަދު ހެނދުނު ބަޑިޖަހައި 24 މީހުން ޝަހީދު ކޮށްލައިފިއެވެ.
ޓެރަރިސްޓުން ބަޑިޖަހާފައިވަނީ، އެމެރިކާގެ ގްރޫޕުން ޣައްޒާގެ މެދުތެރޭގައި އެހީ ބެހުމުގެ މަސައްކަތްކުރާ ނުސައިރަތު ރެފިއުޖީ ކޭމްޕްގެ ސަލާހުއްދީން ސްޓްރީޓްގައެވެ.
ބަޑިޖެހުމުގެ ސަބަބުން 24 މީހުން ޝަހީދުވެފައިވާއިރު، އިތުރު 146 މީހުން ޒަޚަމްވެފައިވާ ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
ޒަޚަމްވި މީހުންގެ ތެރެއިން 62 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިސްތިއުމާރީ ޓެރަރިސްޓު ވައިގެ ސިފައިން ރޭގައިވެސް ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާއިރު، މިއަދު ހެނދުނުން ފެށިގެންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.
އެގޮތުން، ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އައްސައްތާރް އަލް ޣަރްބީ ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވާއިރު، ޚާން ޔޫނިސްގެ އަލް މަވާސީއަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.
ގާޒާ ސިޓީގެ އައްސަބްރާ އަވަށުގެ ގެއަކަށް ފަތިހު ބޮންއަޅައި 5 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.