.jpeg&w=3840&q=75)
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށްދޭ ސައިބަރ ހަމަލާތަކެއް އިތުރުވަނީ، ސަމާލުވޭ: ފުލުހުން

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 13:49
ދިވެހިރާއްޖޭގެ ސަރުކާރުގެ އެކި އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލް ފޮނުވައިގެން ދޭ ސައިބަރ ހަމަލާތައް އިތުރުވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ބުނީ، މިފަދަ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި އޮޅޭފަދަ ގޮތަކަށް ކަމަށެވެ. އަދި ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވަނީ ރަސްމީ ދައުވަތެއް (އިންވިޓޭޝަން)، މުހިންމު ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، ބޭނުންކުރާ ފަރާތުގެ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު ސިއްރު މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މީގެ ސަބަބުން ސަރުކާރުގެ އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެވި، މުޅި ސިސްޓަމް ކޮމްޕްރޮމައިޒްވުމުގެ ނުރައްކާ އޮވެއެވެ.
މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ސީސޮކުން ވަނީ ލަފާކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގާއި ޓެކްނިކަލް އެނަލިސިސްގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، އީމެއިލް މެދުވެރިކޮށް ލިބޭ ލިންކުތަކާއި އެޓޭޗްމަންޓްތަކުގެ ސައްހަކަން ކަށަވަރުނުވަނީސް ނުހުޅުވުމަށާއި، ދަންނަ ފަރާތަކުން ނަމަވެސް އާދަޔާޚިލާފު ކަމަކަށް އެދިއްޖެނަމަ ފޯނު ފަދަ އެހެން ވަސީލަތަކުން އެކަން ޔަގީންކުރުން ވަރަށް މުހިންމެވެ. މީގެއިތުރުން، އީމެއިލްގައިވާ ލިންކުތަކުން ހުޅުވޭ ޕޭޖުތަކުގައި ޔޫޒަރނޭމާއި ޕާސްވޯޑް ފަދަ ސިއްރު މަޢުލޫމާތު ނޭޅުމަށާއި، ހުރިހާ އެކައުންޓެއްގައި 'މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން' ބޭނުންކުރުމުގެ އިތުރުން، ކޮމްޕިއުޓަރުގެ ސޮފްޓްވެއަރތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް އީމެއިލެއް ލިބިއްޖެނަމަ ލަސްނުކޮށް އައިޓީ ޓީމަށް ރިޕޯޓުކުރުމާއި، އެފަދަ ލިންކެއް ނުވަތަ ފައިލެއް ހުޅުވިއްޖެ ހާލަތެއްގައި ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ވަކިކުރުމަށްފަހު ފަންނީ އެހީތެރިކަން ހޯދަންވާނެއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މިފަދަ ސައިބަރ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅަކީ އާންމުންނާއި މުވައްޒަފުންގެ ސަމާލުކަމާއި ހޭލުންތެރިކަމެވެ. މިކަމާ ގުޅޭ އިތުރު ޓެކްނިކަލް ތަފުސީލުތައް ފުލުހުންގެ ސައިބަރ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަނެއްކާވެސް ހަމަލާދޭން ފަށައިފި
2 ގަޑިއިރު ކުރިން

ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
2 ގަޑިއިރު ކުރިން

ކާޓަހީނާ ޑައިލޮގްގެ ހެޑްސް އޮފް ޑެލިގޭޝަން ރިޓްރީޓްގައި ރާއްޖެއިން ބައިވެރިވެއްޖެ
2 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި 1 ލައްކައިން ޖޫރިމަނާކޮށްފި
3 ގަޑިއިރު ކުރިން


