logo

ޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި 1 ލައްކައިން ޖޫރިމަނާކޮށްފި

profile

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 13:44

ގދ. ގައްދޫގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ ގދ. ގައްދޫ، ނޫރީގެ، އުމުރުން 37 އަހަރުގެ އަލީ ޝަޒީނުގެ މައްޗަށެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އަލީ ޝަޒީނުގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި ހުކުމް ކޯޓުން ކޮށްފައިވަނީ 2024 އޮކްޓޫބަރު 4 ވަނަ ދުވަހުއެވެ.

މި މައްސަލައަކީ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ. އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ސަރަހައްދު ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ.

ފުލުހުންގެ އިދާރާއަށް މި މައްސަލަ ރަސްމީކޮށް ހުށަހެޅިފައިވަނީ 2021 އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އެއަށްފަހު، ފުލުހުން ކުރިއަށްގެންދިޔަ ފުޅާ ތަހުގީގަށްފަހު، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް އަލީ ޝަޒީނުގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ:

  • މަސްތުވާތަކެތި (ޑައިމޯފިން) ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ (ބަނގުރާ ގެންގުޅުމާ ގުޅިގެން).

ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކުގެ އަލީގައި، އަލީ ޝަޒީނުގެ މައްޗަށް އުފުލި މި ދެ ދައުވާ ވެސް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި، ރަށްރަށުގައި އަމާން މާހައުލެއް ގާއިމުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާމެދު ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319