ވާހަކަ: ބެސްޓް ފްރެންޑް (އެޕިސޯޑް 3)
ޔަޝްފާ ޢަބްދުލްޣަނީ - 14 ޖެނުއަރީ 2023 - 10:02
ވާހަކަ: ބެސްޓް ފްރެންޑް (އެޕިސޯޑް 3)
(އެޕިސޯޑް 3 އާއި ގުޅޭ)
މި ޒުވާނާ އަނެއްކާ އަހަންނަށް އެއްޗެއް ބޯންދިނީ ބާވައެވެ؟ އަހަރެންގެ ގައިގާ އެއްވެސްވަރަކަށް ހަކަތަ ނެތީ ކީއްވެބާވައެވެ؟ ދެ ދުވަހަކު އެއްޗެއް ނުކައިހުއްޓަސް މިވަރުވެދާނެ ބާވައެވެ؟ މާތްކަލާކޯއެވެ!. އަހަންނަށް މިޖެހުނީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ؟ އަހަރެންގެ ލޯ މެރެމުންދިޔައެވެ. މޫނުމަތީގައި ކޮކާ ބުރަމުން ދިޔައެވެ. އޭނާ އަހަރެންނާ ކައިރިވާހެން ހީވިއެވެ. އަހަރެންގެ އަތުން އޭނާ ދުރުކޮށްލެވޭތޯ ބެލީމެވެ. ނަމަވެސް އަހަރެންގެ އަތެއް ހަރަކާތެއް ނުކުރެއެވެ.
އެ ޒުވާނާ އަހަރެންގެ ގައިގާ ބެޑްޝީޓް އަޅައިދިނެވެ. މޫނުމަތީގައި ހުރި އިސްތަށިތައް ރަނގަޅުކޮށްލިއެވެ.
"މޭރީ. މޭރީ..." އެ ޒުވާނާ ވަރަށް ބާރަށް ގޮވާލިއެވެ.
އެވަގުތު ދުވެފައި ތައިލެންޑްގެ އަންހެންކުއްޖެއް އައެވެ. އެއީ އުމުރުން 21 އަހަރުގެ ރީތި އަންހެން ކުއްޖެކެވެ. ހުދުކުލައިގެ ޔުނީފޯމެއްގައި ހުރި އެ ކުއްޖާ އިސްތަށިގަނޑުގައިވަނީ ހުޅިއެއް ޖަހާފައެވެ. އެއީ ސާފުތާހިރު ކިޔަމަންތެރި ކުއްޖެކެވެ.
"ވަރަށް އަވަހަށް ކުރުބާފެން ގެނެސްދީ." އޭނާ އިނގިރޭސި ބަހުން ބުންޏެވެ.
މޭރީ ދުވެފައި ގޮސް ކުރުބާފެން ބިއްލޫރިތައްޓަކަށް އަޅައިގެން އައެވެ. އެ ޒުވާނާގެ އަތުން އަހަރެންނަށް ކުރުބާފެންތަށި ނަގާފައި ދިއްކޮށްލިއެވެ.
"މި ބޯލާ. ރޫމާ ތިހުރީ ވަރަށް ވަރުދެރަވެފައި." އޭނާ ބުންޏެވެ. އަހަރެން އަވަސް އަވަހަށް އެ ބޯލީމެވެ.
"އަދި.. އަދި ބޭނުން." އަހަރެން ބޭނުންވީ ރަނގަޅަށް ވަރުޖެހިގެން އަވަހަށް އެތަނުން ދިއުމަށެވެ. އެޒުވާނާ މޭރީއަށް ބަލާލިއެވެ. އަދި އިޝާރާތުން އަދި ކުރުބާފެން ގެންނަން ބުންޏެވެ.
"ކިހިނެތް އަހަރެންގެ ނަން އެގުނީ؟ ތީ ކާކު؟" އަހަރެން އެހީމެވެ.
"ކުރިން ދުވަހަކު އެހެން ކުއްޖަކާއެކު ފިހާރައިން ދުށިން. އެމީހުން ވާހަކަ ދެއްކިއިރު ތިއީ ރޫމާކަން އަހަންނަށް އެނގުނު. ރޫމާ ކީއްވެ ދަންވަރު ބޭރުގައި އުޅުނީ." އެ ޒުވާނާ އެހިއެވެ.
ރޭގައި ހިނގައިދިޔަ ހުރިހާކަމެއް އަހަރެންގެ ހަނދާނަށް އައީ އެވަގުތުއެވެ. ހުސެން އަހަރެން ހޯދާނެއެވެ. ފޯނުވެސްވީ ނަފާގެ ކޮޓަރީގައެވެ. ހުސެން އަހަރެން ހޯދަން ދާނީ ނަފާ ގާތަށް ކަންނޭންގެއެވެ. އަހަރެން އަވަސް އަވަހަށް ތެދުވީމެވެ. އަދި ދާން ހިނގައިގަތީމެވެ. އެވަގުތު މޭރީ އައީ ކުރުބާ ފެން ހިފައިގެންނެވެ.
"އެހަށް މި ބޯލާ. ފުރަތަމަ ގައިގާ ވަރުޖެހޭތޯ ބަލާ." އެ ޒުވާނާ ބުންޏެވެ. އަހަރެން އަނެއްކާވެސް ކުރުބާފެން ބުއީމެވެ. އެންމެ ތައްޓެއް ނޫނެވެ. ދެތިންތަށި ހުސްކޮށްލީމެވެ. އަދި ހަމެޖެހިލީމެވެ. އެ ޒުވާނާ އަހަންނަށް ބަލަން ހުއްޓެވެ. އޭނާ ބައިވަރު ވާހަކަދައްކަން ބޭނުންވެފައި ހުރިހެން ހީވެއެވެ.
"ރޫމާ.. ވެގެން އުޅޭގޮތެއް ބުނެދީބަލަ. ފަހަރެއްގައި މަށަށް އެހީއެއްވެސް ވެވިދާނެއްނު." އެންމެފަހުން އެ ޒުވާނާ ބުންޏެވެ.
"ހަމަ މީހަކު ފެންނައިރަށް ކިހިނެތް ވެގެން އުޅޭގޮތެއް ކިޔާދޭނީ؟. އެހެންނޫނަސް އަހަރެންނަށް ކަމެއް ވެގެން އުޅޭކަން ކަލެއަށް އެނގެނީ ކިހިނެތް؟" އަހަރެން ރުޅިއައެވެ.
"ކަމެއްވެގެން އުޅޭކަން ދެންމެވެސް ތިބުނީނު. އެހެންނޫނަސް ރޫމާގެ މިޒާޖު ތިހުރީ ކަމެއް ނުވާ މީހެއްގެ މިޒާޖު ހުންނަގޮތަކަށް ނޫނެއްނު." އޭނާ ހިނިތުންވެލިއެވެ.
"އަޖައިބެއްކަހަލަ މީހެއް." އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ.
އަދި މީ ހާދަ ކޫލް މީހެކޭވެސް އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ހަލާކު ވެދާނެހެން ހީވާ ދިރިއުޅުން ހަލާކުވުމުގެ ކުރިން ހައްލުކުރަން އަހަރެން ބޭނުމެވެ. އިތުރު މީހަކު ލައިގެން އަނެއްކާ އިތުރު މައްސަލަތަކެއް އުފެދިދާނެއެވެ. އަހަރެން ބޭނުންވީ އަވަހަށް ހުސޭނުގާތަށް ދާށެވެ. މާފަށް އެދޭށެވެ. އަހަރެން ގޯސްކަމެއް ނުކުރާވާހަކަ ބުނާށެވެ. އެއީ ހަމައެކަނި ޖެހިސަކަރާތެއްކަމަށާއި ކުށެއް ނުކުރާވާހަކަ ބުނެ ނަފާގެ ނުބައިކަން ހުރިވަރު ކިޔާދޭށެވެ.
"އަހަރެން ދާންވެއްޖެ." އެނދުން ތެދުވެފައި އަހަރެން ހެދުން ރަނގަޅުކޮށްލީމެވެ. އަހަރެން ދާން ހިނގައިގަތީމެވެ. ކޮޓަރިން ނިކުންނަށް ތަޅުގައި ހިފާލީމެވެ.
"ރޫމާ. މަޑުކޮށްބަލަ." އެ ޒުވާނާ އެއްގޮތަކަށްވެސް އަހަރެން ދިޔަދޭކަށް ނޫޅެއެވެ.
"ކަލޭ ކީއްވެތަ އަހަރެން ހިފަހައްޓަން ތިއުޅެނީ؟ އަހަރެންނަށް މަޑުކުރެވޭކަށް ނެތް." އަހަރެން ދޮރުހުޅުވާލާ ނިކުތީމެވެ.
"ނަފާއަކީ އަނިޔާވެރި އަންހެނެއް. އޭނާ ރޫމާ ދިރިއުޅުނަކަ ނުދޭނެ. މިވަގުތު ގޮސްފިނަމަ އުމުރަށް ރޯން ޖެހިދާނެ." އެ ޒުވާނާ އަވަސް އަވަހަށް ބުންޏެވެ.
"ކީކޭ! ކަލޭ އޭނާ ދަންނަންތަ؟ ތީ ކާކު؟" އަހަރެން އަނެއްކާ ކޮޓަރިއަށް ވަނީމެވެ. ނަފާވެސް މީނާއަށް އެނގެއެވެ. އެކަމަކު މިއީ މިރަށުން ދުވަކަހުވެސް ފެނުން މީހެއް ނޫނެވެ. ސްކޫލު ދައުރުގައިވެސް ނުވަތަ އެހެން ތާކުންވެސް އަހަރެން އޭނާއެއް ނުދެކެމެވެ. ވީއިރު މީނާއަށް ނަފާއާއި އަހަރެން އެނގެނީ ކިހިނެތްބާވައެވެ؟
********
ފަރުދާގެ ބޭރުގައި އަހަރެންނަށް ނޭނގި ނަފާ ކުޅެމުން ދިޔައީ ވަރަށް ވަރުގަދަ ކުޅިގަނޑެކެވެ. ހުސެންއަށް ހޭލެވުނީ ވަރަށް ލަސްވެފައި ހުއްޓާއެވެ. އެހެންޏާ ހެނދުނު އޮފީހަށްދާން ގޮވާ ރޫމާ މިއަދު އޭނާއަކަށް ނުފެނެއެވެ. ރެއިން ފެށިގެން ރޫމާގެ ޚަބަރެއް އެނާއަކަށް ނުވެއެވެ. ރޫމާގެ ފޯނު އޮތީ ގޭގައެވެ. ނަފާމެން ގެއަށް ދިޔަވާހަކަ ބުނުމުން އޭނާ މާބޮޑު ކަމަކަށް ނުހަދާ ނިދީއެވެ.
"އެކަމަކު މިހާރު އަންނަންވާނެއްނު. ނިދަންވެސް ނާންނަނީ ކަންނޭގެ." ހުސެން ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. އޮފީހަށްދާ ގަޑިވެސް ވަނީ ވަރަށް ގާތްވެފައެވެ. އެހެންކަމުން އޮފީހަށް ސަލާން ބުނެފައި ފޯނުގެ ޑާޓާ ޖެއްސިއެވެ. ފޯނަށް ބައިވަރު ރައްޓެހިންގެ ވައިބަރ މެސެޖްގެ ނޯޓިފިކޭޝަންތައް އައެވެ. ހުސެން ހައިރާންކަމާއެކު އެ މެސެޖްތައް ބަލާލިއެވެ. އެ ކޮންމެ މީހަކުވެސް އޭނާއަށް ފޮނުވާފައިވަނީ ރޫމާގެ ފޮޓޯއެވެ. އޭނާ ޕާޓީކުރާ މަންޒަރެވެ. ބުރުގާ ބާލައިގެން ހަށިގަނޑު ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުރި ފޮޓޯތަކެވެ. ކައިރީގައި ހުރި ބޭރު މީހާގެ ގައިގޯޅި މަންޒަރުތަކެވެ.
"ގޮތް ކުޑައަންހެނެއް!." އޮފީސް މީހަކު ފޮނުވާފައިވާ މެސެޖުގައި ވެއެވެ.
"ލަދުގެ ކަންފުޅެއްވެސް ނެތް. މިކަހަލަ އަންހެނުންނާއި އިނދެގެން އުޅެން ހެޔޮވާނެތަ؟" ކުރީގެ ދަންނަ މީހަކު ފޮނުވާފައިވެއެވެ.
"މުޅި ސްކޫލަށްވެސް ހުތުރެއްނު." އޭނާގެވެސް ޓީޗަރެއް ކަމުގައިވާ ޒަހީނު މުދައްރިސް ލިޔެފައިވެއެވެ.
ހުސެން ކޮންމެ ފޮޓޯގަނޑެއް ވަކިވަކިން ބަލަމަމުން ދިޔައިރު ބައެއްމީހުން މަލާމާތުގެ މެސެޖުތަކުން އޭނާ ދަތްކުނޑި ވިކެމުންދެއެވެ. ވާނުވާއެއް ނޭނގޭ ހާލު އޭނާގެ ރުޅި ގަދަވަމުން ދިޔައެވެ.
"ތީ އަހަރެމެން ލަންކާއަށް ދިޔަ ދަތުރު. އެރޭ އަހަރެން ޕާޓީކުރާކަށް ނުދަން. އެހެންވެ ވީ ނުވީއެއް ނޭނގެ." ދެތިން ފަހަރަކު ޓަކިޖަހާލާފައި އަމިއްލައަށް ދޮރުހުޅުވާލާފައި ކޮޓަރި ތެރެއަށް ވަދެގެން އައި ނަފާ ބުންޏެވެ.
"ކޮބާ ރޫމާ." ނަފާ ފެނިގެން ހުސެން ހައިރާންވިއެވެ.
"ރޫމާގެ ވިޔާނުދާ ފޮތޯތަކެއް ފެނިގެން މަވެސް މިއައީ." ކޮޓަރީގެ އެނދުގައި އިށީންނަމުން ނަފާ ބުންޏެވެ.
"ނަފާ. ރަނގަޅަށް ބުނޭ. މީ ކޮންކަމެއް. ނަފާއަށް މިކަން އެނގޭނެ." ހުސެން އައިސްފައިހުރި ރުޅީގައި ހަޅޭއްލަވައިގަތެވެ.
"ހައްޤު ތެދު. އަހަންނަކަށް ނޭނގެ. ތި ފޮޓޯތައް މަށަށްވެސް ރައްޓެއްސަކު ފޮނުވީމަ ފޭސްބުކް ބަލާލީ. އެކަހަލަ ފޮޓޯ ހުންނަ ޕޭޖެއްގައި ވަރަށް ގިނަމީހުން ޝެއާކޮށްފައި އެބަހުރި. އެހެންވެ ރޫމާއަށް އެނގޭތޯ ބަލަން މި އައީވެސް." ނަފާ އަލިފާނަށް ދަރު އަޅާ ބީދައިން ހުސެން ރުޅިއަރުވަމުން ދިޔައެވެ.
"ރޫމާ ކޮބާ؟ އޭނާ ރޭގައި ނިދަންވެސް ނާދޭ. ތިގެށޭ ކިޔާފަ ކޮންތަކަށްވަނީ؟" ހުސޭނު އަނެއްކާވެސް ހަޅޭއް ލަވައިގަތެވެ.
އޭނާއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ. އެއްފަހަރަކު ބާލީސްތައް ހޫރާލަފާނެއެވެ. އަނެއްފަހަރަކު ޑްރެސިންޓޭބަލްގައި ހުރި އެއްޗިހިތައް ތަޅާލަފާނެއެވެ. ކުއްލިއަކަށް ނަފާގެ ފޯނު ރިންގުވިއެވެ.
"ކާކު؟ ރޫމާތަ؟ ނަގާބަލަ" ހުސެން އެހިއެވެ.
"ރޫމާ އެބަހުރި ނިޔަމި ގެސްހައުސްގަ؟" އެކޮޅުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ކާކު މަންމަ ގާތު ބުނީ." ނަފާ ހައިރާންވެގެން އެހިއެވެ.
"ދެންމެ މިގޭދޮށަށް އައި ފާތުމަ ބުނީ. އޭނާގެ ފޮޓޯތަކެއްވެސް މަށަށް ދެއްކި. ދަރިފުޅު ރޫމާ ހޯދަން ތިގެއަށް ދިޔަކަން މަންމައަށް އެނގޭތީ މިގުޅީ." އެކޮޅުން ވާހަކަ ދެއްކިމީހާ ބުންޏެވެ. ނަފާ މަންމަކަން އެނގުނު ހިސާބުން ފޯނު ސްޕީކަރަށް ލައިގެން ވާހަކަ ދެއްކީ ހުސޭނަށް އަޑުއިއްވާށެވެ. އޭނާގެ ރޭވުންތަކަށް ހުރިހާގޮތަކުންވެސް ކާމިޔާބުލިބޭތީ އޭނާ ހުރީ ނުހަނު އުފަލުންނެވެ. އޭރު ހުސޭނުހުރީ ބުއްދިފިލާދާވަރަށް ރުޅިއައިސްފައެވެ.
**********
އަހަރެން ހުރީ އެ ޒުވާނާއަށް ބަލާށެވެ. އޭނާ އެދައްކާވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. އަހަރެން ދުވަހަކުވެސް ނުދަންނަމީހަކު ނަފާ ދަންނަލެއް ބޮޑުކަމުންނެވެ. އޭނާ ހުރީ ހިމޭންވެފައެވެ. އެ ލޮލުގައި ބުނެދޭން ނޭނގޭ އަސަރުތަކެއްވެއެވެ. އަހަރެންގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ.
"ކީއްވެތަ މާ މަޑުމަޑުން ތި ހުންނަނީ. ކަލޭތީ ކާކުހޭ؟ އަހަރެން ހަޅޭއްލަވައިގަތީމެވެ.
"އަހަރެންގެ ނަމަކީ އާކިފް. އަހަންނަށް ނަފާ އެނގޭ." އެ ޒުވާނާ އެހެން ބުނިއިރު ވާހަކަދައްކަން އުނދަގުލެވެ.
"އޭނާ ކުރީކީއް؟" އަހަރެން އެވާހަކަ އަޑުއަހަން ވަރަށް ޝައުގުވެރިވިއެވެ. މީ ކޮންއާކިފެއް ހެއްޔެވެ؟ ކުއްލިއަކަށް އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް އޭނާ އައީ ކީއްވެހެއްޔެވެ؟
"އެވާހަކަ ބާއްވާ. ނަފާގެ ހަޔާތް ބަރުބާދުކޮށްލަން ނިކުމެ މިހުރީ އަހަރެން. އެކަކު އެހީ ނުވިޔަސް އަހަރެން އެކަން ކުރާނަން. ރޫމާގެ އެހީތެރިކަން ލިބިއްޖެނަމަ ފަސޭހަވާނެ." އާކިފް ބުންޏެވެ.
"ތިކަމާ ވިސްނާކަށް އަހަންނަކަށް ވަގުތެއް ނެތް. އަހަރެންނަށް ވަރަށް ލަސްވޭ." އަހަރެން ބޭނުންވީ ހުސެންގެ ޚަބަރެއް ބަލާށެވެ. އޭނާ މިހާރު އަހަރެން ވަރަށް ހޯދާނެއެވެ.
"ރޫމާ ވިސްނާލާފައި އާދޭ. އަހަރެން މި ގެސްޓް ހައުސްގައި ހުންނާނަން." އާކިފް އެހެން ބުނީ ވަރަށް މަޑުންނެވެ.
ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައީ ހުސޭނެވެ. ހުސޭނުގެ ރުޅިވެރި މޫނު ފެނިފައި އަހަރެން ބިރުގަތެވެ. އަދި ފިރިހެނަކާއެކު ގެސްހައުސްގެ ކޮޓަރިއެއްގައި އަހަރެން ހުރުމުން ހުސޭނު ވިސްނާނެ ނުބައިގޮތް ހިތަށްއަރާފައި އިންތިހާއަށް ލަދުވެސް ގަނެއްޖެއެވެ. ބުނަންނޭނގޭ އިހުސާސްތަކެއް އަހަރެން ހާސްކުރުވަމުން ދިޔައެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ފަޅައިގެންގޮސް ބިންގަޑުގެ ދަށަށް ގަނބައިގަންނަނީ ބާވައޭވެސް ހިތައް އެރިއެވެ.
(ނުނިމޭ)
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން