
ކޮނޑޭގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

އައިޝަތު އިބްރާހިމް - 11 ސެޕްޓެމްބަރު 2025 - 07:35
ގއ. ކޮނޑޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ކޮނޑޭގައި ރަސްމީކޮށް އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ރަށު ކައުންސިލްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އޭޓީއެމުން ފައިސާ ނަންގަވައި، މިނިސްޓަރ ވަނީ ހަނދާނީ ބޭންކު ކާޑު ރަށު ކައުންސިލާ ޙަވާލުކޮށްދެއްވާފައެވެ.
އެހެން ރަށްތަކެކޭ އެއްގޮތަށް ކޮނޑޭގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުންވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން ބީއެމްއެލްގެ ޚިދުމަތް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
އެ ވަޢުދުފުޅު ތަންފީޒުކުރެއްވުމުގެ ގޮތުން މިހާތަނަށް 9 އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 146 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 204 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ބީއެމްއެލް އިން ދަނީ ދެމުންނެވެ.
ބީޢެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.