logo

ރަސްމާލެ ޕްރޮޖެކްޓުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުވައިފި

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 15:10

އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެޗްޑީސީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޟުލް ރަޝީދާ ބައްދަލުކުރައްވައި ރަސްމާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އިސްތިރާޖީ ތަންފީޒުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުއްޠަލިބްގެ އިތުރުން މިނިސްޓްރީގެ އިސް ވެރިންނާއި އެޗްޑީސީގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ރަސްމާލެ ޕްރޮޖެކްޓުގެ މިހާރުގެ ހާލަތާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ގެންދާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ހިއްސާ ކުރެވުނެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމަށާއި، ފެންވަރު ރަނގަޅު ގޮތެއްގައި ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާއި، މާލެ ސަރަޙައްދުގެ ތަރައްޤީއަށް މި މަޝްރޫޢުން ކުރާނެ އަސަރުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ" މަޝްރޫއުއަކީ ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ބޮޑު ބިޔަ ޕްރޮޖެކްޓެކެވެ.

މިނިސްޓަރ ޑރ. މުއްޠަލިބު މިއަދު ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ތަންފީޒުކުރުމުގެ ސްޓްރެޓެޖީތަކާއި ގުޅޭގޮތުންނެވެ.

އެގޮތުން މިނިސްޓަރ ޑރ. މުއްޠަލިބް ވަނީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވައި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ޕްލޭންތައް ބަޖެޓުކުރެވިފައިވާ ގޮތާއި ގުޅޭގޮތުން އައި.އެމް.އެފްގެ މިޝަން ޗީފަށް މަޢުލޫމާތު ދެއްވާފައެވެ.

ބައްދަލުކުރެއްވުމުގައި އައި.އެމް.އެފްގެ މަންދޫބުން ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ ކަންކަމާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވާފައެވެ. އަދި ރާޢްޖޭގެ މާލީ އަދި އިޤްތިސާދީ ދާއިރާގައި އައި.އެމް.އެފްއަށް ދެވިދާނެ އެހީތެރިކަމާއި ބެހޭ ގޮތުންވެސް ވަނީ ލަފާދެއްވާފައެވެ.

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށް ލިބިގެންދާނެ ލުއިފަސޭހަތަކާއި ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ކުރިއެރުންތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ބައްދަލުވުމުގައި އަލިއަޅުވާލަދެއްވާފައެވެ.

https://int.etukuri.mv/
tel:+9607331319