
އެމެރިކާއިން އީރާނަށް ދިގުދެމިގެންދާ ހަނގުރާމަ އެއް ކުރަން ރާވަން އުޅޭކަން ހާމަވެއްޖެ

ރިޟްވާން މޫސާ - 14 ފެބްރުއަރީ 2026 - 14:16
އެމެރިކާ އިން އީރާނަށް ދިގުދެމިގެންދާ ހަނގުރާމައެއް ކުރުމަށް ރާވަމުން ދާކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
އީރާނާއި އެމެރިކާގެ މެދުގައި ޖެހިފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ދެގައުމުގެ ދެމެދުގައިވެސް ސުލްހަ ގާއިމުކުރުމުގެ ނަމުގައި މަޝްވަރާ ބައްދަލުވުންތަކެއް އޮމާންގައި ވަނީ ދާދި ފަހަކުން ބާއްވާފަ އެވެ.
ދެ ގައުމުގެ ދެމެދުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއި އެކުގައި ކަމަށް ދެ ގައުމުން ވެސް ވަނީ ހާމަކޮށްފަ އެވެ.
މަޝްވަރާ ތަކުގައި އެމެރިކާއިން ބޭނުން ވަނީ އީރާނުގެ ހަތިޔާރާއި ބެހޭ މަސައްކަތްތަކާއި، ބެލެސްޓިކް މިޗައިލް އަދި ނިއުކުލިއަރ ޕްރޮގްރާމުތައް ކުރިއަށް ދާގޮތް ބެލުމަށެވެ. ނަމަވެސް އީރާނުން ވަނީ މި މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށާއި، މިކަމުގެ އެއްވެސް މައުލޫމާތެއް އެއްެވސް ފަރާތަކަށް ދިނުމަށް ދެކޮޅު ހަދާފަ އެވެ.
އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި ނަމަ، ހަފުތާތަކަކަށް ދެމިގެން ހިނގައިދާނެ ހަނގުރާމައެއް އެ ޤައުމާ ދެކޮޅަށް ފެށުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމަށް މީިޔާ ރިޕޯޓްތައް ބުނެ އެވެ.
މި ކަން އިޢުލާނު ކޮށްފައި ވަނީ، ނަން ހާމަ ނުކުރުމަށް ޝަރުޠުތައް ނޫހަކަށް މަޢުލޫމާތު ދެއްވި އެމެރިކާގެ ދެ އޮފިޝަލެކެވެ. އެ މަޢުލޫމާތަށް ބަލާއިރު، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ކުރިން ފެނިފައިނުވާ ފަދަ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އުތުރު ކެރޮލައިނާގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ "ދަތިކަމެއްގެ" ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި "ބައެއް ފަހަރު ކަންކަން ހައްލުކުރުމަށް ޙަޤީޤަތުގައި ވެސް ބޭނުންވަނީ ބިރުވެރިކަން" ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ މަޞްދަރުތަކުން ބުނީ، މިހާރު ފެށުމަށް ތައްޔާރުވަމުންދާ އަސްކަރީ އޮޕަރޭޝަނަކީ، ހުސްވި އަހަރު އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނާ އަޅައިބަލާއިރު މާ ފުޅާ އޮޕަރޭޝަނަކަށް ވެގެންދާނެ ކަމުގައެވެ.





.webp&w=3840&q=75)
.gif&w=3840&q=75)