logo

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރައިފި

profile

އާމިނަތު ޝަޒްލާ - 28 ޖުލައި 2026 - 18:03

މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި އިތުރު ބަޔަކު ހިމަބިއްސަށް ފައްސިވުމާ ގުޅިގެން، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރައިފިއެވެ.

https://wamco.com.mv/

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ އައު 2 ވޭދަނަ ވަނީ ފެނިފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް ރާއްޖޭގައި 120,000 އަށްވުރެ ގިނަ މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން (ޔޫޕީއެޗްސީސީ) ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ތަންތަނާއި ގަޑިތައް:

  1. ޔޫޕީއެޗްސީސީ: އާދިއްތަ - ބުރާސްފަތި (08:30 އިން 12:00 އަށް)
  2. ހުޅުމާލޭ ހޮސްޕިޓަލް: އާދިއްތަ، ހޯމަ، އަންގާރަ (09:00 އިން 11:00 އަށް) އަދި ބުދަ، ބުރާސްފަތި، ހޮނިހިރު (13:00 އިން 15:00 އަށް)
  3. ސެނެހިޔާ ހޮސްޕިޓަލް: އާދިއްތަ - ބުރާސްފަތި (10:00 އިން 16:00 އަށް)
  4. ވިލިމާލެ ހޮސްޕިޓަލް: އާދިއްތަ - ބުރާސްފަތި (13:30 އިން 15:30 އަށް)

ބަލި މީހުންނާ އެއްތާވި ފަރާތްތަކަށް ވެކްސިން ދޭ ގަޑިތައް:

  1. ޔޫޕީއެޗްސީސީ: އާދިއްތަ - ބުރާސްފަތި (14:00 އިން 15:30 އަށް)
  2. ހުޅުމާލޭ ހޮސްޕިޓަލް: ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު (09:00 އިން 11:00 އަށް)

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. މި ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގަން ފަށާނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ފެތުރިގެންދެއެވެ. އެހެންކަމުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk