logo

ޓީޖީއެސްޓީއަށް ލިބުނު ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީއާ ހިލޭ އެހީއަށް 10.4 ގެ އިތުރުވުމެއް!

profile

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 13:18

މި އަހަރުގެ އޯގަސްޓް މަހުގެ މެދަކާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތަ އިތުރުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވެދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް ލިބުނު ކުރިއެރުމެވެ.

އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 13 އޯގަސްޓް 2025 އާ ހަމައަށް ލިބުނު 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް (ޖީ.އެސް.ޓީ) އާމްދަނީ 9.9 ބިލިއަން ރުފިޔާއިން 10.7 ބިލިއަން ރުފިޔާއަށް (7.9 އިންސައްތަ) އިތުރުވެފައިވާއިރު، އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް ނުވަތަ 10.8 އިންސައްތަ މަތިވެފައެވެ.

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 21.1 ބިލިއަން ރުފިޔާ (11.9 އިންސައްތަ އިތުރު) ލިބިފައެވެ. މީގެ ތެރޭގައި ވިޔަފާރި ފައިދާއިން ނަގާ ޓެކްސް 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް (20.6 އިންސައްތަ) އިތުރުވުމާއި، އިމްޕޯޓް ޑިއުޓީ 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް (16.4 އިންސައްތަ) މަތިވުން ހިމެނެއެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (14.3 އިންސައްތަ އިތުރު) ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ (6.3 އިންސައްތަ އިތުރު) ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހަރުމުދަލުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް (32.1 އިންސައްތަ) އިތުރުވެފައިވާއިރު، މީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (15.4 އިންސައްތަ އިތުރު) ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތަ މަތިވެފައެވެ.

ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 28.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ހަރަދު 20.3 ބިލިއަން ރުފިޔާއިން 24.5 ބިލިއަން ރުފިޔާއަށް (20.9 އިންސައްތަ) އިތުރުވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 3.3 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް (9.1 އިންސައްތަ) މަތިވެފައެވެ.

ފާއިތުވި ހަފުތާގައި ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީގެ ގޮތުގައެވެ. އެގޮތުން ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 78.4 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. އެހީ އާއި ސަބްސިޑީގެ ޖުމްލަ ހަރަދު 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް (44.1 އިންސައްތަ) މަތިވެފައިވެއެވެ. އާސަންދައަށް ކުރި ހަރަދު 1.4 ބިލިއަން ރުފިޔާއަށް (14.7 އިންސައްތަ އިތުރު) އަރާފައިވާއިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް (58.4 އިންސައްތަ އިތުރު) މަތިވެފައެވެ. މީގެ ތެރޭގައި އަދުލުއިންސާފުގެ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ދެވޭ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް ވެސް ހިމެނެއެވެ.

މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު (11.2 އިންސައްތަ އިތުރު)، އިދާރީ އަދި ހިންގުމުގެ ހަރަދުތައް ވަނީ 11.8 ބިލިއަން ރުފިޔާއިން 15.0 ބިލިއަން ރުފިޔާއަށް (27.4 އިންސައްތަ) މަތިވެފައެވެ. ދަރަނި އަދާކުރުމާއި އިންޓްރެސްޓް ހަރަދު 3.1 ބިލިއަން ރުފިޔާއިން 3.3 ބިލިއަން ރުފިޔާއަށް (9.1 އިންސައްތަ) ވަނީ އިތުރުވެފައެވެ.

ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 800.0 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް (46.2 އިންސައްތަ) އަދި ހަރުމުދާ ހޯދުމަށް ކުރި ހަރަދު 378.1 މިލިއަން ރުފިޔާއިން 451.5 މިލިއަން ރުފިޔާއަށް (19.4 އިންސައްތަ) ވަނީ މަތިވެފައެވެ. ނަމަވެސް، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ހަރަދުވި 3.6 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.

މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. އަދި ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

https://wamco.com.mv/
tel:+9607331319