
ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް، ތިން ރައީސްުން ވެސް ތިއްބެވީ ނޫސްވެރިންނާއި އެކު

މުހައްމަދު މުޝްރިފް - 15 މޭ 2026 - 19:17
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެބޭފުޅުން ތިއްބެވީ ނޫސްވެރިންނާއި އެކުގައި ކަމަށާއި ނޫސްވެރިކަމާ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ސަރުކާރު ޒިންމާދާރުކުރުމަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރައްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ތިން ރައީސުން ދެއްކެވި ވާހަކަފުޅުގައި، ޖަލަށް ލާފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ވަނީ ގޮވާލައްވާފައެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މިރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފަ އެވެ. ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމުގައި ތިން ރައީސުން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.
ނޫސްވެރިންނާ ވެސް ހިއްސާކުރި އެ އެއްބަސްވުމުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރައްވާފައިވާ އެ ލިޔުމުގައިވެ އެވެ.
ރައީސް ނަޝީދާއި ރައީސް ޔާމީން އަދި ރައީސް ސާލިހު ގުޅިގެން މަސައްކަތްކުރައްވަން ނިންމެވީ ކްރިމިނަލް ކޯޓުން ނެރުނު 'ގެގު' އަމުރަކާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ކުރި ހުކުމްތަކާ ވިދިގެން، މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ.
އެ ތިން ބޭފުޅުން މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ބޭފުޅުން ވެސް ވިދާޅުވީ ކޮންމެ ބޭފުޅެއްގެ ފަރާތުން ވެސް އެބޭފުޅެއްގެ ޕާޓީއަށް އެކަން ހުށައަޅުއްވާނެ ކަމަށާއި އެއަށް ފަހު ކުރިއަށްދާނެ ގޮތެއް ރާވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު މިއެއްބަސްވެވަޑައިގަތީ ހަމައެކަނި ކުރީގެ ރައީސުންގެ ހައިސިއްޔަތުން ކަމަށެވެ.
ތިން ރައީސުން ވިދާޅުވީ ނޫސްވެރިން ޖަލަށް ލުމާއި ޝަރުއީ ނިޒާމުގެ ތެރެއިން ނޫސްވެރިކަމަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުންދާ ކަންކަމާ ދެކޮޅަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ބަލާ ފާސްކޮށް އެތަނުގެ އިސް ދެ ވެރިއަކަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށް ލައިފަ އެވެ. އެހެންވެ، ޔާމީނާއި ނަޝީދާއި ސޯލިހު މިރޭ ވަނީ މިހާރުން މިހާރަށް ދެ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ފުރަތަމަ ކަމަކަށް ސަރުކާރަށް ޑިމާންޑު ކުރަނީ، ތިން ރައީސުން ވެސް ވިދާޅުވި ގޮތުގައި، ޖަލަށް ލާފައިވާ ނޫސްވެރިންނާއި އެކަމާ އަޑުއުފުލުމާ ގުޅިގެން ބަންދުކުރި ހުރިހާ އެންމެން މިނިވަންކުރުމަށެވެ. ދެވަނަ ކަމަކަށް ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ގާނޫނީ ޝަރީއަތްތައް ވަގުތުން ހުއްޓާލުމަށެވެ.
ނޫސްވެރިން ކުރިމަތިކުރި ބައެއް ސުވާލުތަކާ ގުޅިގެން ތިން ރައީސުން ވިދާޅުވީ، އެ ބޭފުޅުން ވެރިކަން ކުރެއްވީ އެންމެ ފުރިހަމަކޮށް ކަމަށް ވިދާޅުނުވާނެ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ ވިއްސަކަށް އަހަރު ފަހަތަށް ދާ މަންޒަރު ކަމަށެވެ.
އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ކަމަށެވެ. ޔާމީން ވިދާޅުވީ، އެކަން ބަދަލުކުރުމަށްޓަކައި ތިން ބޭފުޅުންނަށް ވެސް ގަބޫލު ކުރެއްވުނީ، ރޭވުންތަކެއް ރާވައިގެން، ދޫނުދީ، ދުވަސްތަކެއް ވަންދެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ތިން ބޭފުޅުންގެ ވެސް ހިޔާލު ތަފާތުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް މި ވަގުތު މުހިންމު ވަނީ، އެ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ.
ރައީސް ނަޝީދު ވެސް ގޮވާލެއްވީ ވީހާ ވެސް އަވަހަށް، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށެވެ. އަދި އެ ތިން ބޭފުޅުން ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށާއި މިނިވަންކަމާ އެކު ސުވާލު ކުރެވޭނެ ގޮތް ތަނަވަސްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ދޮގު ޑޮކުއުމެންޓަރީ ގިނަގިނައިން ހައްދަވާ، އަޅުގަނޑަށް ލިބޭނީ ފައިދާ: ރައީސް ޑރ މުއިއްޒު
20 ގަޑިއިރު ކުރިން

ނާޒިމް ވަކިކުރަން 73 މެމްބަރުން ގަރާރު ހުށަހަޅައިފި
ދުވަހެއް ކުރިން

ޑައިވިންގ އަށް ދިޔަ 5 މީހުން މަރުވެއްޖެ
ދުވަހެއް ކުރިން

މިއަހަރު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުވުމުގެ ތައްޔާރީތައް އެމްއޭސީއެލް އިން ނިންމާލައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)