logo

ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 16:09

ޅ. ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ %95 ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

https://wamco.com.mv/

އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޖަމްޝީދު ރަށަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި ނައިފަރު ދާއިރާގެ ޕީއެންސީ މެންބަރު ޔާސީން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ހިލައިގެ އިތުރު ޝިޕްމަންޓެއް ރަށަށް ގެނެސް، ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު ވެސް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާ އެކު، މަޝްރޫއުގެ ޖުމްލަ %70 މަސައްކަތް ނިމިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1،813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަޝްރޫއަކީ 679.03 މިލިއަން ރުފިޔާގެ އަގަކަށް، 630 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk