.jpg&w=3840&q=75)
ޣައްޒާ "ހުސްކުރަން" އިސްރާއީލު ތައްޔާރުވަނީ، ދެވަނަ އަދި ތިންވަނަ ނަކްބާއެއްގެ އިންޒާރުވެސް ދޭން ފަށައިފި

ސައިފް އަޒުހަރު - 18 ފެބްރުއަރީ 2025 - 07:22
ޣައްޒާއިން މީހުން ނެރެ، ޣައްޒާ "ހުސްކުރަން" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް އިސްރާއީލުން ފަށައިފިއެވެ.
އިސްރާއީލުން މި މަސައްކަތް ފެށީ، ފަލަސްތީނު ރައްޔިތުންނާއި، މުޅި ދުނިޔެއިން ޓްރަމްޕްގެ ޕްލޭނާ ދެކޮޅު ހަދަމުން ދަނިކޮށެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން މިހާރު ދަނީ، ޣައްޒާއިން މީހުން ހުސްކޮށްލުމުގެ މަސައްކަތަށް ސަރުކާރުގެ ޚާއްސަ އޭޖެންސީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި އޭޖެންސީގެ މަސައްކަތަކަށް ވާނީ، ޣައްޒާގެ ރައްޔިތުން އެކިއެކި ގޮތްގޮތުން ރަށުން ބޭރުކުރުމެވެ.
ޓްރަމްޕްގެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމަކަށް އިސްތިއުމާރީ އިސްރާއީލު މިހާރު ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ އެތެރޭގެ ރިޕޯޓްތައް ބުނެއެވެ.
ނުވިތާކަށް، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބާސްވުމާ ޚިލާފްވެ، ޣައްޒާ ތެރޭގައި ޑްރޯންތައް އުދުއްސައި، ރެކޯޑް ކޮށްފައިވާ އޯޑިއޯ މެސެޖެއް އާންމުންނަށް އިއްވައި ބިރުދެއްކުމުގެ އަމަލުތަކެއްވެސް އިސްރާއީލުން ހިންގަމުން އެބަ ގެންދެއެވެ.
އެ މެސެޖްގައި ޣައްޒާގެ އާންމުންނަށް ބިރުދައްކައި އިންޒާރުދީ ގޮވަމުން ގެންދަނީ "ދެވަނަ އަދި ތިންވަނަ ނަކްބާ" އަކާވެސް ކުރިމަތިވާނެ ކަމަށެވެ.
ނަކްބާއަކީ، އިސްރާއީލޭ ކިޔުނު ދައިލަތް ފަލަސްތީނުގެ ބިމުގައި ގާއިމްކުރުމަށްޓަކައި ފަލަސްތީނުގެ އެތައްލައްކަ މީހުން އެމީހުން ގެދޮރާއި ބިމުން ގަދަކަމުން ނެރެ ފައްސާލި ފައްސާލުމަށް ދީފައިވާ ނަމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ހުސްކުރުމުގެ ޕްލޭނަކީ ނަސްލުނައްތާލުމުގެ ޕްލޭނެއް ކަމަށް ބުނެ، ދުނިޔެއިން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.
ޓްރަމްޕް ވިދާޅުވަނީ، ޣައްޒާއޮތީ މުޅިން ސުންނާފަތި ވެފައި ކަމަށާއި، އެއީ "ނަރަކައެއް" ފަދަ ތަނެއް ކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ އެހެން ތަނެއްގައި ވަޒަންވެރިވެގެން އުޅުން ކަމަށެވެ.
އެކަމަކު، ޣައްޒާގެ ރައްޔިތުން ގެންދަނީ ޓްރަމްޕަށް ގޮންޖަހަމުންނެވެ. އެމީހުން ބުނަމުންދަނީ ފަހުނޭވާލާނީވެސް ޣައްޒާގެ ބިމުގައި ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއެކު، ޚާއްސަކޮށް ޣައްޒާގެ އުތުރުން ބޭރުކޮށްލެވުނު މިލިއަނަކާ ގާތްކުރާ އަދަދަކަށް އާންމުން މިހާރު އެނބުރި އެމީހުންގެ ގެދޮރުހުރި ސަރަހައްދުތަކަށް ގޮސްފައި ވެއެވެ. އަދިވެސް މީހުން އަންނަމުން އެބަދެއެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަމުން ގެންދަނީ، ޣައްޒާ ހުސްކޮށް ޣައްޒާއަށް ވެރިވެގަތުމުގެ ޕްލޭނަކީ އަސްލު ޓްރަމްޕްގެ ކަމެއް ނޫން ކަމަށާއި، އެކަމުގައި ޓްރަމްޕަށް ޕްރެޝަރ ކުރަމުންގެންދަނީ ނަތަންޔާހޫ ކަމަށެވެ.