
ޕަހަލްގަމް ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 3 މީހެއްގެ ނަން އިންޑިއާ ފުލުހުން ހާމަކޮށްފި

ސައިފް އަޒުހަރު - 24 އޭޕްރީލު 2025 - 08:46
އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފަޅި، ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގަމް ސަރަހައްދުގައި ބަޑިޖެހުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 3 މީހެއްގެ ނަން ފުލުހުން ހާމަކޮށްފިއެވެ.
ޖައްމޫ އެންޑް ކަޝްމީރުގެ ފުލުހުން ހާމަކުރި 3 ނަމުގެ ތެރެއިން 2 މީހުންނަކީ ޕާކިސްތާނުގެ ރައްޔިތުންނެވެ.
އިންޑިއާގެ އަސްކަރިއްޔާއިން އިއްޔެ ބުނެފައިވަނީ، ޕަހަލްގަމް ބަޑީގެ ހަމަލާ ދިނުމުގައި 7 މީހަކު ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އޭގެތެރެއިން 4 ނުވަތަ 5 މީހުންނަކީ ޕާކިސްތާނު ރައްޔިތުން ކަމަށެވެ. އެކަމަކު ހެއްކެއް ނުދެއެވެ.
ޕަހަލްގަމްގައި އަންގާރަ ދުވަހު ދިން ބަޑީގެ ހަމަލާތަކުގައި 26 މީހުން މަރުވެފައިވާއިރު، އޭގެތޭގައި ހިމެނެނީ އިންޑިއާގެ 25 މީހުންނާއި، ނޭޕާލް ރައްޔިތެކެވެ.
ޕަހަލްގަމްއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލެކެވެ.
ފައިމަގުގައި ދެވޭ ގޮތަށް އޮންނަ ހާމަ މައިދާނެއްގައި އެތައް ބަޔަކު ތިއްބައި ބަޑީގެ ހަމަލާދިނުމުގެ ޒިންމާ، "ކަޝްމީރު ރެސިސްޓެންސް ފްރަންޓް" ނަމަކަށްކިޔާ ޖަމާއަތަކުން ވަނީ އުފުލާފައެވެ.
މިއީ، ޕާކިސްތާނު އަޑީގައި އޮވެގެން ނުސީދާ ބައިވެރިވުން އޮވެގެން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް، އިންޑިއާ ސަރުކާރުންވަނީ ޕާކިސްތާނަށް ދެކޮޅަށް އެތައް ފިޔަވަޅެއް އަޅާފައެވެ.
އެގޮތުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ ލެވެލް ވަރަށް ބޮޑަށް ދަށްކުރުމުގެ އިތުރުން، ނިއުދިއްލީގައި ހުންނަވާ ޕާކިސްތާން ހައި ކޮމިޝަނަރ އިންޑިއާގެ ޚާރިޖިއްޔާއަށް ހާޟިރުކޮށްފައި ވެއެވެ.
އަދި އިންޑިއާގައި ތިއްބަވާ ޕާކިސްތާނު އަސްކަރިއްޔާގެ ހުރިހާ މުޝީރުން އިންޑިއާއިން ފައިބައިގެން ދިއުމަށް ހަފްތާއެއްގެ މުހުލަތު ވަނީ ދީފައެވެ.
އަދި ސާކް ވިސާ އިސްތިސްނާގެ ދަށުން ޕާކިސްތާނު ރައްޔިތުން އިންޑިއާއަށް އެތެރެވުން މަނާކުރުމުގެ އިތުރުން، މިހާރު ދޫކޮށްފައިވާ ވިސާތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.
އަދި ޕާކިސްތާނާއި އިންޑިއާއާ ދެމެދު ކޯރުފެން ހިއްސާކުރުމާ ގުޅޭގޮތުން ހަދާފައިވާ އިންދޫސް ވޯޓަރސް ޓްރީޓީ ކެންސަލް ކުރުމުގެ އިތުރުން، އިންޑިއާ – ޕާކިސްތާނު ވަކިކުރާ އިމުގައި ގާއިމްކޮށްފައިވާ އަޓާރީ - ވަގާހް ދޮރާށިވެސް މިހާރުވަނީ ބަންދުކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެފައިވަނީ، ޕަހަލްގަމް ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނާއި، އެކަމަށް އެހީތެރިވި މީހުންނަށް، އެމީހުންނަށް "އަންދާޒާވެސް ނުކުރެވޭ ވަރުގެ" އަދަބު ދެއްވާނޭ ކަމަށެވެ.
ޕަހަލްގަމް ހަމަލާއާ ގުޅިގެން އިންޑިއާއިން ކުރާ ހުރިހާ ތުހުމަތެއް ޕާކިސްތާނު ސަރުކާރުންވަނީ ދޮގުކޮށްފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގް ދާރް ވިދާޅުވީ، މި މައްސަލާގައި އިންޑިއާއިން އަޅަމުންގެންދަނީ ވަރަށް ޒިންމާދާރުކަންކުޑަ ފިޔަވަޅުތަކެއް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ރައްދުގައި ޕާކިސްތާނުން އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުމަށް ޕާކިސްތާނު ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މަންމާފުޅު އަވަހާރަވެއްޖެ
2 އަހަރު ކުރިން

މޯދީގެ މަންމާފުޅު އަވަހަރާވުމުން ރައީސް ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ
2 އަހަރު ކުރިން

ހަނިމާދޫ އެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރުމަށް ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

4 ދާއިރާއަކުން އިންޑިޔާއިން ރާއްޖެއަށް އެހީވަނީ
2 އަހަރު ކުރިން