logo

ދިވެހީން އަލުން ދިވެހީންގެ ގޮތުގައި އިޔާދަކުރުމަކީ ރައީސްގެ އަމާޒެއް: މިނިސްޓަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 07 ސެޕްޓެމްބަރު 2024 - 17:22

ދިވެހި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

ދިވެހި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ "ދިވެހީން އަލުން ދިވެހިންގެ ގޮތުގައި އިޔާދަކުރުމަށް" ކަމަށް ދިވެހި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ދިވެހި ގައުމު އޮތް ގޮތަށް ބަލާއިރު، ފާއިތުވި ތަނުގައި ދިވެހިން ތިބި ގޮތާއި މިއަދު ދިވެހިން ތިބި ގޮތާ ވަރަށް ގިނަ ގޮތްގޮތުން ތަފާތު ކަމަށެވެ. އަދި އެ ތަޖުރިބާ 40 އަހަރުން މަތީގެ ކޮންމެ ދިވެއްސެއްގެ ހުންނާނެކަމަށް އެ މީހުނ އެއްބަސްވާނެ ކަމަށެވެ. އެގޮތުން ދިވެހިން އެއްބައެއްގެ ގޮތުގައި ތިބި ތިބުމާއި، ދިވެހިން އެއް ރޫހެއްގައި ކުރިއަށް ދިޔުމާއި އެއް ޖޯޝެއްގައި ރަށާއި އަތޅު ބިނާކޮށް ހޯދި ކާމިޔާބީގެ ތަޖުރިބާ އެއިން ކޮންމެ ދިވެއްސެއްގެ ހުންނާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، މިއަދާ ހަމަޔަށް އައިރު، އެކަންކަމަށް ލޮޅުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ގައުމީ ބިންގާ އަލުން އިޔާދަކޮށް އާރާސްކުރަން ޖެހޭ ކަމަށެވެ.

"އެމަނިކުފާނުގެ ޒައާމަތުގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވާ އެއްކަމެއްގެ ގޮތުގައި ހިމެނެނީ ދިވެހިން އަލުން ދިވެހިންގެ ގޮތުގައި އިޔާދަކުރެއްވުން. ދިވެހީންގެ ފިކުރީ އެއްބައިވަންތަކަން، ދިވެހިންގެ ގައުމީ އެއްބައިވަންތަކަން، ދިވެހިންގެ ގައުމީ ސަލާމަތާއި ގުޅިފައި ހުރި ކަންކަމުގައި ދިވެހިން ޒަމާނުއްސުރެ މިނިވަންކަންމަތީ މިދެމިތިބި ސިއްރު އޭގެ ސަބަބުތައް އަލުން ހޯދައި، އަލުން ދިވެހިންގެ ވިސްނުމުގެ ތެރެއަށް ގެނެސްދެއްވުން." މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ތާރީހާއި ގައުމީ ދުވަހުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ގައުމީ ދުވަސް ހަނދާން ކޮށްދެނީ އެއްބައިވަންތަވުމަށާއި އެއް ދީނެއްގައި ދެމިތިބުމުގެ އިތުރުން ދިވެހިންނަކީ ކަނޑުގެ ދަރީންކަން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ރައީސްގެ ހާއްސަ ގައުމިއްޔަތުގެ މަޝްރޫއުގެ ތެރެއިން ރައްކާތެރިކަމާ ގުޅިގެން ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުވާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މާދަމާއަށް ވިސްނާއިރު، ދިވެހިން ދެމިތިބުމަށް ބަލާއިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެ ވާޖިބެއް ދިވެހިންގެ އަސްލުތަކަށް ބަލައި، ފިކުރުކޮށް ދިވެހިން ދިވެހިންގެ ގޮތުގައި ދެމިތިބި ސަބަބުތައް ހޯދައި އެގޮތުގައި ކުރިއަށްދިއުން. އެކަމަށްޓަކައި ދިވެހިްންގެ ބަސް، ދިވެހިންގެ ދީން، ދިވެހިންގެ ތާރީހް، ދިވެހިންގެ ތަރިކަ، ދިވެހިންގެ މަސައްކަތްތެރިކަން، ދިވެހިންގެ ހުރިހާ ހުނަރުތަކެއް ދިވެހިން އަލުން ލިބިގަތުން މުހިއްމު. އޭރުން މި ފަސްގަނޑުގެ މައްޗަށް ދިވެހީންގެ އިހުއޮތް ބާރު އަލުން އެނބުރި އަންނާނީ" މިނިސްޓަރު ވިދާޅުވި އެވެ.

tel:+9607331319